ޚަބަރު

ކުވެއިތު ފަންޑުގެ ޕްރޮޖެކްޓުތައް ގެއްލުނީ ވަކި ބަޔަކަށް ޕްރޮޖެކްޓް ދޭން ކުރި ކަންކަމުގެ ސަބަބުން: ހަލީލު

މުހައްމަދު އިޝާން

ރާއްޖޭގެ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް ކުވެއިތު ފަންޑުން ހަރަދުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ޕްރޮޖެކްޓުތައް ގެއްލުނީ ކުރީ ސަރުކާރުން، ވަކި ބަޔަކަށް އެ މަޝްރޫއުތައް ހޯދައިދިނުމުގެ ބޭނުމުގައި، އެއްބަސްވުން ހަދަން އުޅުނު ގޮތުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ކުވެއިތު ފަންޑުގެ ހަރަދުގައި ހޮސްޕިޓާ ހެދުމަށް ކުރީ ސަރުކާރުން ނިންމައިފައިވަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށިގަ އެވެ. ނަމަވެސް ފަހުން ކުވެއިތު ފަންޑުން ވަނީ އެ މަޝްރޫއުތައް ކުރިއަށް ނުގެންދަން ނިންމައި އަނބުރާ ގެންގޮސްފަ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ، ކުވެއިތު ފަންޑުގެ އެ މަޝްރޫއުތައް އަލުން ކުރިއަށް ގެންދިއުމަށްޓަކައި، ފިނޭންސް މިނިސްޓްރީން ވަނީ އެ ފަންޑުގެ ބޭފުޅުންނާއެކު މަޝްވަރާތަކެއް ކޮށްފައި ކަމަށެވެ.

"ކުވެއިތު ފަންޑު، ފަންޑުކުރާނެ ކަމުގެ ޔަގީންކަން ދީފަ އޮތް، އެހެންނަމަވެސް މި ބޭފުޅުން ހައްދަވާފަ އޮތް ކަންތައްތަކެއްގެ ސަބަބުން ވަކި ބަޔަކަށް ޕްރޮޖެކްޓުތައް ދިނުމަށްޓަކާ ކޮށްފަ އޮތް ކަންތައްތަކެއްގެ ނަތީޖާއަކަށް ވެގެން މިދިޔައީ ކުވެއިތު ފަންޑު ކޮންމެ ގޮތަކަށް ވެސް އެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށްޓަކާ ފައިސާ ހަމަނުޖެހުން. އެ ހިސާބުން ރިޔާސީ އިންތިހާބާ ދިމާކޮށް އެ ޕްރޮޖެކްޓުތައް، ހަތް ޕްރޮޖެކްޓެއް މި ހަވާލުކުރަނީ ބަޖެޓުން ކުރިއަށް ގެންދިއުމަށްޓަކާ. ހަމައެކަނި މި ހަތް ޕްރޮޖެކްޓަށް އެކަނި ގާތްގަޑަކަށް 1.4 ބިލިއަން" ހަލީލު ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީ ފިނޭންސް މިނިސްޓްރީން، ކުވެއިތު ފަންޑާއެކު ކުރި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކޮންމެވެސް ވަރަކަށް ކުވެއިތު ފަންޑުން ފައިސާ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ހަލީލު ވިދާޅުވީ ސިއްހީ ދާއިރާގައި މިވަގުތު 57 މަޝްރޫއެއް އެބައޮތް ކަމަށެވެ. އޭގެ ތެރެއިން 34 ޕްރޮޖެކްޓެއް އެއްވެސް ގޮތަކަށް ނުހިނގާ ހުއްޓިފައިވާ ކަމަށް ހަލީލު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން ކޮންޓްރެކްޓަރުންނާއެކު ކުރި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުގައި އެ 34 މަޝްރޫއުގެ ތެރެއިން 20 މަޝްރޫއެއްގެ މަސައްކަތް ފެށޭގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ހަލީލު ވިދާޅުވި އެވެ. ބާކީ އޮތް 14 ޕްރޮޖެކްޓް އަދިވެސް ފެށޭގޮތް ހަމަޖެހިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ ދާއިރާގައި 57 މަޝްރޫއަކާއި ކުވެއިތު ފަންޑުން ހިންގަމުން ހަމަޖެހުނު މަޝްރޫއުތަކާއެކު އެ ޕްރޮޖެކްޓުތަކަށް 600 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށް ހަލީލު ވިދާޅުވި އެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ ހެލްތު މިނިސްޓްރީގެ ބަޖެޓުގައި ނެތް ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕީއެސްއައިޕީގެ ގޮތުގައި ސިއްހީ ދާއިރާއަށް ލިބެނީ ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ ކަމަށެވެ. އެ ފައިސާއިން ހުރިހާ ހަރަދެއް ކަނޑާލީމަ ބާކީވަނީ 280 މިލިއަން ރުފިޔާ ކަމަށް ހަލީލު ވިދާޅުވި އެވެ. އެހެންކަމުން މަޝްރޫއުތަކަށް ހަރަދުކުރާނެ ފައިސާ ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.