ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމަށް އީޔޫއިން މަރުހަބާ ކިޔައިފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން އިންތިހާބު ބާތިލް ކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ހުކުމް ކުރުމުން އީޔޫއިން ވަނީ މަރުހަބާ ދަންނަވާ ޓުވީޓު ކުރައްވާފައެވެ.
އީޔޫގެ ޓުވީޓުގައި ރައްޔިތުންގެ ނިންމުމަށް ސުޕްރީމް ކޯޓުން އިހްތިރާމް ކޮށްފައިވާކަމަށާއި އޭގެން ބާރުތައް ބަދަލު ކުރުމުގެ މަގު ފަސޭހައިން ހުޅުވިގެން ގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އާ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، ޑިމޮކްރަސީ އިއާދަވާނެ ކަމަށް އުއްމީދު ކުރާކަމަށް ވަނީ ފާހަގަކޮށްފައެވެ.
ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާ ލިޔުންތަކަށް ބަލާ އިރު، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ހެއްކެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެމެރިކާއިން ވެސް ވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމަށް މަރުހަބާ ދަންނަވާފައެވެ.