ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭނެ ތަންތަން ހެދުމަށް މެލޭޝިއާގެ ކުންފުންޏަކުން ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާ ކަމަށާއި އެ ޕްރޮޕޯސަލްއަށް އެއްބަސްވެ، އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ 'ނެޝަނަލް މައިގްރޭންޓް ވޯކާސް ޑޯމަޓްރީޒް ރާއްޖޭގައި ހަދަން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މެލޭޝިއާގެ އަލްޓައިޒް ޑިޖިޓަލް ނަމަކަށް ކިޔާ ކުންފުންޏެއް ކަމަށެވެ. ޕްރޮޕޯސަލްގެ ދަށުން 100،000 ބިދޭސީން ދިރިއުޅޭނެ ތަންތަން ހަދަން ހުށަހަޅާފައިވާއިރު އެ ތަންތަން ހަދަން ހުށަހަޅާފައިވަނީ މާލޭގައި 40،000 ތަން، ހުޅުމާލެ ފޭސް އެކެއް، ފޭސް ދޭއް، ތިލަފުށީގައި ކޮންމެ ތަނެއްގައި 20،000 އެއްހާ ތަން ކަމަށް ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، އެ ތަންތަން ހަދަން ހުށަހަޅާފައިވަނީ، ދިވެހި ސަރުކާރުން ދައްކާ ބިމެއްގައި އެ ކުންފުނިން ހުރިހާ ހަރަދެއް ކުރާ ގޮތަށް ކަމަށެވެ. އަދި ބިދޭސީން ތިބޭ ތަންތަނާއެކު އެ މީހުންނަށް ހާއްސަ ކްލިނިކާއި އޭޓީއެމްއާއި ފިހާރަތަކާއި ބޯކޮށާ ތަންތަަނާއި ލޯންޑަރީ ސާވިސްއާއި ނަމާދުކުރާ ތަންތަނާއި ކާތަންތަނާއި ރެކްރިއޭޝަން ފެސިލިޓީތައްވެސް ހަދަން ޕްރޮޕޯސަލްގައި ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ، ޕްރޮޕޯސަލްގައިވާ ގޮތުން ބިދޭސީން ތިބޭ ތަންތަނަށް ގެންނަ ކޮންމެ ބިދޭސީއެއްގެ އަތުން ފީއެއްގެ ގޮތުގައި 120 ޑޮލަރު ނަގާނެއެވެ. އެގޮތަށް ބޮލަކަށް ނަގާ ކޮންމެ ފީއަކުން ފަސް ޑޮލަރު ސަރުކާރަށް ދޭން ޕްރޮޕޯސަލްގައި އޮތް އެ ކުންފުންޏާއެކު ބޭއްވި މަޝްވަރާތަކުގައި އެ އަދަދު 100 ޑޮލަރަށް ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހު އެ ޕްރޮޕޯސަލް ލިބުމާއެކު އިވެލުއޭޓް ކުރުމަށް 13 މެއިގައި އިކޮނޮމިކް ކައުންސިލުގައި އޮންނަ އިންވެސްޓް މޯލްޑިވްސް އަށް ފޮނުވި ކަމަށާއި އެ ތަނުން ޖޫން ނުވަވަނަ ދުވަހު ރައީސް އޮފީހަށް އެ ޕްރޮޕޯސަލް ފޮނުވައި، ޖޫން އެގާރަހާތަނުގައި ބޭއްވި އިކޮނޮމިކް ކައުންސިލުގައި އެ ޕްރޮޖެކްޓް ރާއްޖޭގައި ހިންގަން ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންވާނެ 10 ޖުލައިގައި އިކޮނޮމިކް ކައުންސިލުގެ އެ ނިންމުން އެ ކުންފުންޏަށް އަންގާފައި، އަޅުގަނޑުމެން މިކަން ކުރަން ބޭނުމޭ، އެހެންވީމާ ފައިނަލް އެގްރީމަންޓަކާ ހިސާބަށް ދިއުމަށްޓަކައި އެ ބޭފުޅުން ހުށަހަޅާފައިވާ ޓާމްސްތައް އެކޮޅުން ހުށަހަޅާށޭ. މިއީ މިހާރު އެ ވާހަކަ ގޮސްފައި އޮތް ހިސާބަކީ، އަދި އަޅުގަނޑުމެން ކޮމިޓްމެންޓެއް ދިނީކީ ނޫން. އެގްރީމެންޓެއްގައި ސޮއިކުރީކީވެސް ނޫން،" އިހުސާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މެލޭޝިއާގެ ކުންފުނިން އެކްސްލޫސިވިޓީ ދިނުމަށް އެދިފައިވީ ނަމަވެސް އެކަމާ ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެ ކުންފުނިން ހުށަހަޅާ ފަހުގެ ކަންތައްތައް ލިބުމުން، އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމާމެދު ގޮތެއް ނިންމާނީ، އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި އެ ކައުންސިލުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.