ޚަބަރު

އިހަވަންދޫ ސްކޫލުގެ ކޮމްޕިއުޓަރ ސްޓަޑީޒް ޓީޗަރު އިސްލާމު ވެއްޖެ

ހއ.އިހަވަންދޫ ސްކޫލުގެ ކޮމްޕިއުޓަރ ސްޓަޑީޒް ޓީޗަރު އިސްލާމު ވެއްޖެއެވެ.

އޭނާގެ ނަމަމީ، ގޮކުލާ ކުރިޝްނަންއެވެ. އޭނާއަކީ އިންޑިޔާގެ ޓެމިލްނާޑުގެ ރައްޔިތެކެވެ.

އޭނާއަކީ ކުރިއްސުރެވެސް ހިންދޫއެކެވެ. އަދި އޭނާގެ މަންމައަކީ ހިންދޫއެއް ނަމަވެސް އޭނާގެ ބައްޕަ އާއި އަނބިމީހާއަކީ ކްރިސްޓިއަނުންނެވެ.

އޭނާ އިސްލާމްވިކަން ހާމަކޮށްފައިވަނީ، ރާއްޖޭގައި އިސްލާމީ ޝުއޫރު ފާޅުކޮށް، އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ޓީމް ދާވާ މޯލްޑިވްސް"ގެ ފޭސްބުކް ޕޭޖުގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އިސްލާމްވީ އެ ޖަމާއަތުގެ ދީނީ އިލްމުވެރިއެއްގެ އަތްމައްޗަށެވެ.

"ޓީމް ދާވާ މޯލްޑިވްސް" އިން މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ގޮކުލާ ކުރިޝްނަން އިސްލާމްވީ ހެޔޮ ނުބައި ދެނެގަތުމަށްޓަކައި އަހަރުތަކެއް ވަންދެން ކުރި ދިރާސާތަކަކަށްފަހު މިރަމަޟާންމަސް ފެށުމުގެ ހަފުތާއެއް ކުރިންކަމަށެވެ.

އޭނާ އިސްލާމް ދީން ހިޔާރުކުރި އެންމެބޮޑު ސަބަބަކީ މުސްލިމުން، އެބައިމީހުންގެ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ނަމާދަށްދޭ އަހައްމިއްޔަތުކަން ފެނުމުން ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާ، ބަނގުލަދޭޝް އަދި ރާއްޖެއިން އޭނާއާ ބައްދަލުވި އޭނާގެ މުސްލިމު އެކުވެރިން، މުދަލާއި ފައިސާއާ އުފާތައް ދޫކޮށް ނަމާދުތަކަށް ރައްކާތެރިވާތީ އޭނާއަށް ފެންނަ ކަމަށް، ކުރިޝްނަންއާ ހަވާލާދީ ޓީމް ދާވާ މޯލްޑިވްސް އިން ބުނެފައި ވެއެވެ.

ކުރިޝްނަން އަށް މިހާރު އިސްލާމް ދީނުގެ ރުކުންތައް އެނގޭއިރު ފާތިހާ ސޫރަތާއި ބައެއް ކުރު ސޫރަތްތައް ޤުރުއާނުން ދަސްކޮށްފައިވާކަމަށް ޓީމް ދާވާ މޯލްޑިވްސް އިން ބުނެފައިވެއެވެ.

ކުރިޝްނަން އިސްލާމްދީން ހިޔާރު ކުރިނަމަވެސް އޭނާގެ ނަން ބަދަލު ނުކުރާކަމަށް މައުލޫމާތު ލިބެއެވެ.