ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ދަނޑިއަލުވި ބޯކިބަލަކީވެސް ރޯދަ މަހަށް ހާއްސަ ކެއުމެކެވެ.
1/2 ކިލޯ ދަނޑިއަލުވި (ދަނޑި ނަގައި ގާނާފައި)
3 ގަބުޅި ހުނި
1 ލާހި ހަކުރު
4 ސައިސަމުސާ ހަނޑުލުފުށް (ހިމުންކޮށް މުގުރާފައި)
2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް / ނުވަތަ ބައި ޖޯޑު މާފެން
ގާނާފައި ހުރި ގަބުޅި ހުނިކޮޅުގެ ތެރެއަށް ހަކުރު އަޅައި މޮޑެލުމަށްފަހު ދަނޑި އަލުވި ފުށްގަނޑު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ފުށްގަނޑުގެ ތެރެއަށް ހަނޑުލު ފުށްކޮޅު އަޅައި މޮޑެލާށެވެ. ރަހަ ހެޔޮވަރުކޮށްލުމަށްފަހު މާފެން ނުވަތަ އެސެންސް ކޮޅު އަޅައިގެން ރަގަޅަށް މޮޑެލާށެވެ. އެއަށްފަހު ތަވާގައި ތެޔޮކޮޅެއް އުނގުޅައިލުމަށްފަހު މަޑު ގިނީގައި ފިހެލާށެވެ. ބޯކިބާ ހިހޫ ވުމުން ކޮށާލެވޭ ވަރަށް ހަރުވާނެއެވެ.