އިންޑިއާގެ ކެރެލާގައި ސިނކުޑިއަށް ޖެހޭ ބައްޔެއް ފެތުރޭތީ ދިވެހިން ރައްކާތެެރިވުމަށް އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ ކޮންސިލުއުލޭޓް ޖެނެރަލުން މިމަހުގެ ނުވަވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކެރެލާގައި ނުރައްކާތެެރި ބައްޔެއް ކަމަށްވާ "ބްރެއިން އީޓިންގް އެމީބާ އިންފެކްޝަން" ފެތުރެމުންދާތީ އެ ބައްޔަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތާ ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.
އެ ބައްޔަކީ ނޭފަތުން ނުވަތަ ކަންފަތުން ހަށިގަނޑު ތެރެއަށް ދާ ޖަރާސިމަކުން ޖެހޭ ބައްޔަކަށްވާތީ، ކޯރު ފަދަ ތަންތަނަށް މި ދުވަސްވަރު ނޭރުމަށާއި، އަދި ސްވިމިން ޕޫލަށް އެރޭނަމަ ކަންފަތާއި ނޭފަތަށް ފެން ނޭޅޭގޮތަށް އިޔާބަޑް ނުވަތަ ނޭސަލް ކްލިޕް ބޭނުންކުރުމަށް ސިއްހީ މާހިރުން ލަފާދެއްވާ ކަމަށްވެސް ކޮންސިލުއުލޭޓް ޖެނެރަލުން ނެރުނު ބަޔާނުގައިވެއެވެ.
އޭގެން އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ކަމާބެހޭ ސިއްހީ އިދާރާތަކަށް ދެއްކުމަށް ވަނީ ރާއްޖޭގެ ކޮންސިލުއުލޭޓް ޖެނެރަލުން އިލްތިމާސްކުރެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކެރެލާގެ އުތުރުގެ ސަރަހައްދުން ހަތަރު މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެ ބަލި ޖެހިގެން މަރުވި ތިން މީހަކު ވެސް ހިމެނެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ނައިގްލޭރިއާ ފައުލޭރީ އިންފެކްޝަން ނުވަތަ "ބްރެއިން އީޓިންގް އެމީބާ އިންފެކްޝަން" އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ނުރައްކާތެރި އިންފެކްޝަންތަކެކެވެ. އެ ބަލި އެންމެ ފަހުން ފެނިފައިވާ ކަމަށް ދައްކަނީ 1962 ވަނަ އަހަރު އެމެރިކާއިންނެވެ. އަދި އޭރު އެ ބަލި ޖެހުނު 135 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ ތިން މީހެކެވެ.