ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ދިވެހިން ތަފާތު ރަހަތައް ތަޖުރިބާ ކުރުމުގެ ގޮތުން އެކި ބާވަތްތަކުން ތަފާތު ކާނާ ތައްޔާރުކުރެއެވެ.
އެގޮތުން ނޫޑުލްސް ބޯކިބަލަކީވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކެއުމެކެވެ.
ބޭނުންވާ ތަކެތި:
3 ޕެކްޓް ނޫޑުލްސް
2 ޖޯޑު ފެން
1 ދަޅު މަސް
2 ޕަކެޓް ނޫޑުލްސް ހަވާދު
3 ކުކުޅު ބިސް
1 ގިތެޔޮ މިރުސް
2 ފިޔާ
1 ލުނބޯ
އިނގުރު، ލޮނުމެދު، ހިކަނދިފަތް، ރީނދޫ
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ފެން ފޮދު ހޫނުވުމުން ނޫޑުލްސް ކޮޅު މަޑުކޮށްލާށެވެ. މަޑުވުމުން ވަކިން އެއްޗަކަށް އަޅައިފައި ބަހައްޓާށެވެ. އެއަށްފަހު ފިޔާ، މިރުސް، ހިކަނދިފަތްކޮޅު ކޮށައިލުމަށްފަހު އޭގެ ތެރެއަށް އިނގުރު، ލޮނުމެދު، 2 ޕަކެޓް ހަވާދު (ސޫޕް ޕަކެޓް) އެޅުމަށްފަހު ލުނބޯ ހުތް ޖަހައިގެން މޮޑެލާށެވެ.
ދެން މޮޑެފައި ހުރި އެއްޗެހީގެ ތެރެއަށް މަސްދަޅު، ކުޑަ ރީނދޫކޮޅެއް ލައިގެން މޮޑެލާށެވެ. ނޫޑުލްސް ކޮޅު އަޅައިގެން މޮޑޭއިރު 3 ބިސް އަޅައިގެން ރަހަ ހެޔޮވަރުކުރާށެވެ. އެއަށްފަހު ތަވާގައި ތެޔޮކޮޅެއް އުނގުޅުމަށްފަހު ކުޅި ބޯކިބާވެސް ފިހާ ގޮތަށް ފިހެލާށެވެ.