ހދ. މަކުނުދޫ އާއި ގދ. ތިނަދޫ ކަރަންޓްގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް ފެނަކައިން އިތުރު ޖަނަރޭޓަރު ފޮނުވައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ، މަކުނުދޫއަށް 600 ކިލޯ ވޮޓްގެ ޖަނަރޭޓަރުސެޓެއް ގެންގޮސް އަންލޯޑްކޮށްފައިވާ ކަމަށާއި އެ ޖަނަރޭޓަރު ސެޓް އެރަށު ޕަވަހައުސްއަށް މިރޭ ގެންދިއުމަށް އިންތިޒާމްކޮށްފައިވާކަމަށެވެ. އަދި އިންސްޓޯލް ކުރެވުނުހާ އަވަހަކަށް އެ ޖަނަރޭޓަރު ބޭނުންކުރަންފެށޭނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.
މަކުނުދޫ އިންޖީނުުގޭގައި ބޭނުންކުރަމުންދާ ޖަނަރޭޓަރުތަކުން މަކުނުދޫއަށް ބޭނުންވާ ވަރަށް ކަރަންޓް ފޯކޮށްދިނުމަށް ދަތިވެފައިވާތި، ދުވަސްދުވަސްކޮޅުން ކަރަންޓް ކެނޑުމުގެ މައްސަލަ އެރަށަށް ދިމާވަމުން އާދެއެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ވެސް އެ މައްސަލަ ބޮޑުވިއެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވެފައިވަނީ އެރަށަށް ކަރަންޓްގެ މައްސަލަ ދިމާވަނީ، އިންޖީނުގޭގައި 230 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި، 200 ކިލޯވޯޓުގެ ޖަނަރޭޓަރެއް ބޭނުންކުރަމުންދިޔަ ނަމަވެސް އެ ދެ ޖަނަރޭޓަރުން ވެސް މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެވޭނެ ކެޕޭސީޓީ ނެތުމުން ކަމަށެވެ.
ފެނަކައިން މިއަދު ބުނީ، ގދ. ތިނަދޫ އައް އެކެއް މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް އަންލޯޑް ކޮށްފައިވާ ކަމަށެވެ. އަދި އެ ޖަނަރޭޓަރު، ޕަވަހައުސްއަށް ގެންގޮސް ލަސްތަކެއްނުވެ އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ.