ޚަބަރު

ފައިސަލް ޔާމީނަށް: ތިމާ ނޫން މީހަކަށް ރާއްޖޭގެ އިގުތިސާދު އެނގޭ ކަމަށް ދައުވާ ކުރުމަކީ ޖޯކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ބޭފުޅަކަށް ރާއްޖޭގެ އިގުތިސާދު ނޭނގޭނެ ކަމަށް ދައުވާ ކުރުމަކީ އެ ބޭފުޅާއާ ދިމާލަށް މީހުން މަލާމާތްކޮށް ޖޯކު ޖަހާނެ ކަމެއް ކަމަށް މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެންސީ އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލް ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްދު ދެއްވައިފައެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު އެނގިވަޑައިގަންނަވަނީ ވަކި ސިޔާސީ ލީޑަރަކަށް ކަމަށް ހީވުމަކީ ކުށްހީއެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ވަރަށް ހޭލުންތެރި ޒުވާނުން، އުފެއްދުންތެރި ވިސްނުންތަކުގެ ޒުވާނުން އެބަ އުޅޭ ކަމަށް ވިދާޅުވިއެވެ.

"އެހެން ތިއްބައި ފިނި ކޮޓަރިއެއްގައި އިންނަވައިގެން ތިމާ ނޫން މީހަކަށް ދިވެހިރާއްޖޭގެ އިގުތިސާދު ނޭނގޭ ކަމަށް ދައުވާ ކުރުމަކީ މިއަދު ބޭފުޅުން މަލާމާތްކޮށް ޖޯކު ޖަހާނެ ކަމެއް. އެއަށްވުރެ އިލްމީ ގޮތުންވިޔަސް، ސިޔާސީ ގޮތުންވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގާބިލު، ކެރޭ، ދިވެހި ގައުމަށް މިއަދު ދިމާވެފައި މިވާ ހާލަތުން އަރައިގަނެ، ދިވެހިން އެދޭ ފަދަ ދިވެހިރާއްޖެއެއް ދިވެހީންގެ ދިވެހިރާއްޖެއެއް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައިގެން ގެނެވޭނެ ފެންވަރުގެ ރައީސުލްޖުމްހޫރިއްޔާއެއް 2023 ވަނަ އަހަރު ދިވެހި ރައްޔިތުން މި ގައުމަށް އިންތިހާބުކުރީ،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރަށް ހަތް މަސް ވެފައިވާ އިރު، ރާއްޖޭގެ އިގުތިސާދީ ހާލަތު ގައުމުގެ ވެރިންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި މި ގައުމު ބަނގުރޫޓު ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ހަތްމަސް ވާއިރު ދެން ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން ނުކުމެ މިއަދު އެ ވިދާޅުވާ މޮޅު އިކޮނޮމިސްޓު މި ވިދާޅުވަނީ މި ގައުމު ބަނގުރޫޓުވަނީއޭ. ނޫން މި ގައުމު ބަނގުރޫޓެއް ވެސް ނުވާނެ،" ފައިސަލް ވިދާޅުވިއެވެ.