އިބްރާހިމް ޒަކީ
ޑިވިޑެންޑްގެ ގޮތުގައި އެމްޑަބްލިއުއެސްސީން ސަރުކާރަށް 600 މިލިޔަން ރުފިޔާ ދައްކަންޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ބަދަލުވިފަހުން، އާދަމް އާޒިމް އެމްޑަބްލިއުއެސްސީއާ ހަވާލުވެ ވަޑައިގެންފައިވަނީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު 30 ގައެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އާޒިމް ރޭ ވިދާޅުވީ، އޭނާ ކުންފުންޏާ ހަވާލުވެވަޑައިގެންނެވި އިރު، ކުންފުނި އޮތީ މާލީގޮތުން ވަރަށް ދަށު ދަރަޖައިގައި ކަމަށެވެ. އަދި އެކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ ފައިސާއަކީ، 2014 ވަނަ އަހަރުންފެށިގެން އެ ކުންފިން އެއްވެސް ފައިސާއެއް ސަރުކާރަށް ނުދައްކާ އޮތުމުން ދައްކަން ޖެހޭ ފައިސާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ގާތްގަނޑަކަށް 600 މިލިޔަން ރުފިޔާ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް. އެއީ 2014 އިން ފެށިގެން ޑިވިޑެންޑް ނުދައްކައި އޮތީމަ،" އާދަމް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި އެކުންފުނިން ފަށައިފަހުރި ފްލެޓް ޕްރޮޖެކްޓަކީވެސް ވަރަށްގިނަ ފައިސާ ކަމަށެވެ. އެއީ ގާތްގަނޑަކަށް އެކާވީ މިލިޔަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި އެއީ ހުއްޓާލެވެން އޮތް މަޝްރޫއެއް ނޫންކަންވެސް އާޒިމް ފާހަގަ ކުރެއްވިއެވެ.
"ދެން އަޅުގަނޑުމެން ހައުސިންގ ޕްރޮޖެކްޓްތަކެއް ގެނެސްފި، އެއީ މަސައްކަތް ފަށައިފަ ހުރި އެއްޗެހި، ކޮމިޓްމެންޓް ދީފަ އެހެރީ، އެއީވެސް ގާތްގަނޑަކަށް 21 މިލިޔަން ޑޮލަރު، އެވެސް ހަމަ ދައްކަންޖެހޭ އެއްޗެއް. އަޅުގނޑުމެން އެ ހުއްޓާލައިފިއްޔާ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އަދަދުވެސް ގުނާ އަދަދު ނުކުރެވޭނެ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ސަރުކާރުންވެސް އެ ކުންފުންނަށް ދައްކަންޖެހޭ ފައިސާ އެބަހުރި ކަމަށާއި، ނަމަވެސް އެއަށްވުރެ މާގިނަ ފައިސާ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ކަމަށެވެ. އަދި އިންވެސްޓް ކުރަމުން ކުންފުނީގެ ކަންތައް ކުރިއަށް ގެންދަމުން އެ ފައިސާ ދައްކަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ފައިސާ ދައްކައި ކުންފުނީގެ މާލީ ހާލަތު ހަމަމަގަށް އަޅުންވަންޖެހިފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެފައިސާތައް ދައްކައި ކުންފުނި ހަމަމަގަށް އަޅުވަން އަށް ވަރަކަށް އަހަރު ނަގާނެ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ކުންފުނީގެ އެސެޓްތައް ބޭނުންކޮށްފައިހުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން މިހާރަށް ކުންފުންޏަށް ބޭނުން ނުވާ އެތައް އެއްޗެއް ގަނެފައި އެބަހުރި ކަމަށާއި އެފަދަ ތަކެތި މުދާތައް ގަނެފައި ރާއްޖެއިން ބޭރުގައިވެސް އެބަހުރި ކަމަށް އާޒިމް ވިދާޅުވިއެވެ.