މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރަށް ބަދަލުކުރުމަށް ނިންނި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ، އެ ކައުންސިލުން ހިންގަމުން އަންނަ 120 މިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރަށް ބަދަލުކޮށް، އެ މަސައްކަތްތައް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ފާސްކޮށްފައެވެ.
މީގެ ކުރިން ސިޓީ ކައުންސިލުގެ މުވައްޒަފެއްގެ ގޮތުގައި، އެ މަޝްރޫއުތަކާ ހަވާލުވެގެން ހުންނެވި، މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. އެ މަޝްރޫއުތައް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ހުށަހެޅުއްވީ އޭނާއެވެ.
އެ ނިންމުމާ ގުޅިގެން އާޒިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ގާނޫނުއަސާސީގެ އަށްވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް، ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
"އަދި މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރު މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ދަންނަވަން،" އާޒިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު ޝާހިދު ވިދާޅުވީ ކައުންސިލުން އެއްބަސްވެފައި ހުރި ހުށަހެޅުންތަކަށް އެއްވެސް ބަދަލެއް ނުގެެނެސް، އެ ޕްރޮޖެކްޓުތައް އަވަސްކުރުމަށް ކަމާ ގުޅޭ ވުޒާރާއަށް ހަވާލުކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.
އެ ޕްރޮޖެކްޓުތައް ސަރުކާރަށް ބަދަލު ކުރި ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ، އެ ޕްރޮޖެކްޓުތައް އަލުން ސިޓީ ކައުންސިލަށް ބަދަލު ކުރެވޭނެ ކަަމަށްވެސް އޭނާގެ ހުށަހެޅުމުގައިވެއެވެ.
ޝާހިދު ހުށަހެޅުއްވިގޮތަށް ފާސްކޮށްދިނުމަށް، މާލޭ ސިޓީގެ އެކްޓިން މޭޔަރުގެ މަގާމުގައި ހުންނެވި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެދިވަޑައިގެންނެވިއެވެ.
އެ ހުށަހެޅުން ފާސްކުރީ، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލައިގައި އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވައިފައެއް ނުވެއެވެ.
ސަރުކާރުން ކުރިއަށްގެންދަން ހަވާލު ކުރި މަޝްރޫއުތަކުގެ ތަފްސީލެއް އެ ބައްދަލުވުމައި އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެއެވެ. މާލޭ ސިޓީ ކައުންސިލުން މިގޮތަށް އަމަލު ކޮށްފައި މިވަނީ މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް އަލަށް އިންތިހާބު ކުރެއްވި އާދަމް އާޒިމް މަގާމުގެ ހުވައިކުރެއްވުމަށް ކުޑަތަން ވެފައިވަނިކޮށެވެ. އޭނާ ހުވައިކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ.