ސަރުކާރުގެ އެކި ހިދުމަތްތަކަށް ފައިސާ ދައްކަން ބޭނުންކުރާ ރަސްމީ ޕޯޓަލް "ބަނޑޭރި ޕޭ"އަށް އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ ތައާރަފުކޮށްފިއެވެ.
ބަނޑޭރި ޕޯޓަލްއަށް އެމް-ފައިސާ ތައާރަފު ކުރުމުން އެ ޕޯޓަލް އިން މިހާރު ފައިސާ ދައްކާއިރު، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިހުތިޔާރު ލިބޭނެއެވެ.
އުރީދޫ އިން ބުނީ، ބަނޑޭރި ޕޯޓަލަށް އެމް-ފައިސާގެ ހިދުމަތް ތައާރަފުވުމަކީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މެދުކެނޑުމެއް ނެތި، ރައްކާތެރި އަދި ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި ގޮތުގައި އެމް-ފައިސާ ބަނޑޭރި ޕޭއަށް ތައާރަފު ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. އަދި އެކަން ފަހިވުމަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއަރުވަން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށާއި އެމް-ފައިސާ އާއެކު ޑިޖިޓަލް ޕޭމަންޓްތައް އިތުރަށް ފަސޭހަކޮށްދިނުމުގެ އިތުރުން ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތް ފުޅާކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.