އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި އާ ފާމަސީއެއް ހުޅުވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރެވެ. އެ ރަސްމިއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިންވެސް ބައިވެރިވެޑައިގެންނެވިއެވެ.
އެސްޓީއޯ އިން ބުނީ އަލަށް ހުޅުވި އެ ފާމަސީއަކީ އެހެން ފާމަސީތަކާ ތަފާތު މޮޑާން ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ފާމަސީއެއް ކަމަށެވެ. އެގޮތުން ފާމަސީން ހިދުމަތް ހޯދާ މީހުންނަށް ބޭހާއި ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އިކިއުޕްމެންޓްސްގެ އިތުރުން ޕާސަނަލް ކެއާ ރޭންޖުގެ ވަރަށް ގިނަ ތަކެތި ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އެ ފާމަސީ އިން ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންޕޭޝަންޓުންނަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުން ދަރުމަވަންތަ ހޮސްޕިޓަލް އަދި އައިޖީއެމްއެޗަށް ހިދުމަތް ހޯދަން ދާ މީހުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ދަރުމަވަންތަ ހޮސްޕިޓަލުގައި ހެދި އާ ފާމަސީ ހުންނާނީ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް އިން ވަންނައިރު ކަނާތްފަރާތުގައެވެ.