އިބްރާހިމް ޒަކީ
މއ. އައިޝާ/ ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި މީހަކަށް ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ހުސައިން ވަހީދު، މަރާލީ 24 ޑިސެމްބަރު 2013ގެ ރޭ، އޭނާ ދިރިއުޅޭ މއ. އާއިޝާ ކައިރީގައި ހުއްޓައި އަށް އިންޗީގެ ވަޅިއެއް އޭނާގެ މެއަށް ހަރައި ޒަހަމްކޮށްލުމުން އެކަމަށް ފަރުވާ ހޯދަމުންދަނިކޮށެވެ.
އޭނާއަށް ހަމަލާ ދިނީ އޭރު 18 އަހަރު ނުފެރޭ ދެ ކުދިންނެވެ. ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު އެ ދެ ކުދިންގެ މައްޗަށްވެސް މަރުގެ ހުކުމް އިއްވިއެވެ. އެއީ ހުސައިން ވަހީދުގެ ވާރިސުންގެ ތެރޭގައި ހިމެނޭ ނުވަ ވާރިސުންވެސް މަރަށް މަރު ހިފުމަށް ކަމަށް ބުނެފައިވާތީއެވެ.
ނަމަވެސް ޖުވެނައިލް ކޯޓުގެ އެ ނިންމުން އެ ދެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަަލަ ބެލުމަށްފަހު 30 އޭޕްރީލް 2019 ގައި ހައިކޯޓުން އެ މައްސަލައިގައި ހުކުމް ކުރީ ޖުވެނައިލް ކޯޓުން ކޮށްފައިވާ މަރުގެ ހުކުމަށް ތާއީދުކުރާ ކަމަށެވެ.
ނަމަވެސް ހައިކޯޓުން ޖުވެނައިލް ކޯޓުގެ ހުކުމަށް ތާއީދު ކުރި ފަހުން، 22 ސެޕްޓެމްބަރު 2022 ގައި ހުސެއިން ވަހީދުގެ މަންމަ އެ މައްސަލައާ ގުޅޭ ސިޓީއެއް އުއްތަމަ ފަނޑިޔާރަށް ވަނީ ފޮނުވައިފައެވެ. އެ ސިޓީގައި ހުސެއިން ވަހީދުގެ މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅު ހުސެއިން ވަހީދުގެ މަރުގެ ޖަޒާއެއްގެ ގޮތުން ކުށް ސާބިތުވި ދެ ކުދިން މެރުމަށް އޭނާ ހިމެނޭ ގޮތުން ހުރިހާ ވާރިސުން ކުރިން ބޭނުންވި އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެއްވެސް ވަރަކަށް މިހާރު ބޭނުންނުވާ ކަމަށެވެ.
ސަބަބެއް ކަމަށް އެ ސިޓީގައި ބުނެފައި ވަނީ، އޭނާގެ ފަރާތުން އެ ކުއްޖާ މައާފަށް އެދިފައިވާތީ، މައާފުކޮށްދީފައިވާތީ ކަމަށެވެ. އަދި ސިޓީއާ ގުޅޭ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ސާފުކުރަންޖެހޭ ކަމެއް އޮތްނަމަ، ޝަރީއަތަށް ހާޒިރުކޮށްދެއްވައި އޭނާގެ ބަސް ހޯއްދެވިޔަސް ރަނގަޅު ކަމަށްވެސް އެ ސިޓީގައި ހުސެއިން ވަހީދުގެ މަންމަ ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައަކީ އެ ސިޓީއަށްފަހު، މަރަން ހުކުމް ކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައެކެވެ.
މި މައްސަލައިގައި އެ ކުއްޖާގެ ފަރާތުން ފާހަގަކޮށްފައި ވަނ،ީ އިސްލާމް ދީނުގައި ގިސާސް ހިފޭނީ މަރައިލި މީހާގެ ހުރިހާ ވާރިސުން ގާތިލުގެ ކިބައިން ގިސާސް ހިފަން ބޭނުންވެގެން ކަމުގައިވާއިރު، އޭނާ މެރުމުގެ ހުކުމް ތަންފީޒު ކުރުމަށް އެ ހާދިސާގައި މަރުވި ހުސައިން ވަހީދުގެ މަންމަ މިހާރު ބޭނުންނުވާ ކަމަށެވެ. އެހެންކަމުން އޭނާ މެރުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ބައި ބާތިލުކޮށްދޭން ޖެހޭނެ ކަމަށާއި އެބައި ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދޭ ކަމަށްވެސް ބުންޏެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބެލުމަށްފަހު މިއަދު ކުރި ހުކުމުގައި ވަނީ، ޖުވެނައިލް ކޯޓުން އެ ކުއްޖާ މެރުމަށް ކަނޑައަޅާފައިވާ ހުކުމާއި އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ހިމެނޭ މަރުގެ ހުކުމުގެ ބައި ބާތިލުކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.
އޭގެ އިތުރުން އެ މައްސަލައިގައި އަދަބު ކަނޑައެޅުމަށްޓަކައި އެ މައްސަލަ ޖުވެނައިލް ކޯޓަށް އަނބުރާ ފޮނުވާލުމަށްވެސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ކަނޑައަޅައިފައެވެ.