ބިއުޓީ

ކެޓްރީނާ ކައިފްގެ އުޖާލާ ހަމުގެ ސިއްރުތައް

ކެޓްރީނާ ކައިފްއަކީ އޭނާގެ އުޖާލާ ހަމާއި ބޮލީވުޑް އެހެންތަރިންނާ ތަފާތު ރީތިކަމެއް ހުންނަ ތަރިއެއްގެ ގޮތުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ.

އެހެންކަމުން ކެޓްރީނާގެ އުޖާލާކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސިއްރުތަކަށް ބަލައިލާނަމެވެ.

ޑައިޓް

ކެޓްރީނާ ބޭނުން ކުރަނީ މެކްރޮބައޯޓިކް ޑައިޓެކެވެ. މި ޑައިޓުގައި ކޮންމެ ދެގަޑިއިރަކުން ތާޒާކޮށް ފެނުކެއްކި ތަރުކާރީ ނުވަތަ ތާޒާ މޭވާ ކައެވެ. ކާބޯހައިޓްރޭޓްސް އާއި ފައިބަރު ހިމެނޭ ކާނާތަކާ ކެޓްރީނާ އުޅެނީ ވީހާވެސް ދުރުގައެވެ.

މޮއިސްޗަރައިޒް ކުރުން

މޮއިސްޗަރައިޒް ކުރުމުގެ މުހިއްމު ކަން ކެޓްރީނާ ވަރަށް ބޮޑަށް ގަބޫލުކުރެއެވެ. ދުވާލު ޝޫޓިންތަކުގައި އެހާ ގިނަ ވަގުތު މޭކަޕާއެކު ހޭދަ ކުރާން ޖެހޭތީ ފުރަތަމަ ފަށަލައަށް ރަނގަޅު މޮއިސްޗަރައިޒަރެއް ބޭނުން ކުރުމަށް ކެޓްރީނާ އަބަދުވެސް ބަލައެވެ. މީގެ އިތުރުން އަވިން ހަންގަނޑު ހަލާކުނުވެ ބެލެހެއްޓުމަށް ސަންކްރީމަކީވެސް ކެޓްރީނާ ގަވައިދުން ބޭނުން ކުރާ އެއްޗެކެވެ. ނިދުމުގެ ކުރިން މޫނުގައި ހުރި މޭކަޕް ދޮވެ ސާފު ކުރުމަކީވެސް ކެޓްރީނާ ކޮންމެހެން ކުރާކަމެވެ.

އިސްތަށިގަނޑަށް ފަރުވާތެރިވުން

އިސްތަށިގަނޑުގައި ދުވާލު އެހާ ގިނަ ކެމިކަލާއި ހޫނުކަން (އިސްތަށިގަނޑު ފަން ކުރުމަށް، ބުޅި ކުރުމަށް ނުވަތަ ބްލޯޑްރައި ކުރުމަށް) ބޭނުން ކުރެވޭތީ ކެޓްރީނާ އޭނާގެ އިސްތަށިގަނޑުގައި ހީޓް ޕްރޮޓެކްޓަންޓް ޖެލްއެއް ބޭނުން ކުރެއެވެ. އަދި ހަމައެއާއެކު ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮވެއެވެ.

ހައިޑްރޭޓްވުން

އެހެން ތަރިންނެކޭ އެއްފަދައިން ކެޓްރީނާވެސް ދުވާލަކު މަދުވެގެން 6-8 ތަށި ފެންބޮއެވެ، އެއާއެކު ކެޓްރީނާ ގްރީން ޓީވެސް ބޮއެވެ. އޭގެ ސަބަބުން ހަށިގަނޑާއި ހަމުގައި ހުންނަ ޓޮކްސިންތައް ނައްތާލައެވެ.

އެންމެ މުހިންމު ދެ އިންގްރީޑިއަންޓް

ކެޓްރީނާގެ އުޖާލާ ހަންގަނޑުގެ ފަހަތުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ ދެ ކާނާއަކީ އަކައި ބެރީސް އަދި ވީޓް ގްރާސް ޕައުޑަރެވެ.

އަކައި ބެރީސްގައި ވިޓަމިން އޭ، ބީ، ސީ އަދި އީ ހިމެނޭއިރު އޭގައި ގިނަ މިނެރަލްސްވެސް ހިމެނެއެވެ. ހަންގަނޑު ހަލާކުވުމުން ދުރުކޮށްދީ އާލާކޮށްދީ، ހަމުގެ އުޖާލާކަން ދިރުވައިދެއެވެ.

ވީޓް ގްރާސް އަކީ ޑީޓޮކްސިފައި ކޮށްލާ އެއްޗެކެވެ. ހާއްސަކޮށް ބިއްސާއި އެކިކަހަލަ ރޭޝްތަކަށް މިއީ ވަރަށް ރަނގަޅު ކާނާއެކެވެ.