ޔުނައިޓެޑް ނޭޝަންސްގެ، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ ހައްގުތަކަށް ދިނުމުގައި ރާއްޖެއިން އަމަލުކުރާނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ ރާއްޖެން ހުށަހަޅާފައިވާ ދެ ވަނަ ޕީރިއޮޑިކް ރިޕޯޓު، ބައިނަލްއަގުވާމީ ޖަމާއަތުގެ ހިއުމަން ރައިޓްސް ކޮމިޓީން މުރާޖައާ ކުރުމަށްޓަކައި ޖެނީވާގައި އިއްޔެ އާއި މިއަދު ބޭއްވި ރިވިއު ސެޝަންގައި ބައިވެރިވެފައިވާ ކަމަށެވެ.
އެ ރިވިއު ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، ދިވެހި ރައްޔިތުންގެ މައިގަނޑު އެއް އަސާސަކީ އިސްލާމް ދީން ކަމަށެވެ. އެ އަސާސް ބަދަލުކުރުމަށް ޖާގައެއް ނުދެވޭނެ ކަމަށެވެ. އައިސީސީޕީއާރުގައި ބަޔާންކޮށްފައިވާ ހައްގުތައް ދިނުމުގައި ރާއްޖެއިން ތަބާވާނީ އިސްލާމްދީނަށް ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ރާއްޖޭގައި އައިސީސީޕީއާރުގެ ހައްގުތައް ދޭނީ ގާނޫނު އަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރިވިއު ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިތުރުން ޖެނިވާގައި ހުންނަ ރާއްޖޭގެ އދ. އޮފީހުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.