މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެ ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނެފި އެވެ.
ޕީސީބީން މިއަދު އާންމުކުރި އެސްއޯއީތަކުގެ މިދިޔަ އަހަރުގެ ފަހު ކުއާޓާ ރިޕޯޓުގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 13.27 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ ކުންފުނިތަކަށް ޖުމްލަ ލިބުނު ގެއްލުމުގެ އަދަދު 2.27 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ޕީސީބީން ބުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އަށް ކަމަށް ޕީސީބީން ބުންޏެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް ހަތަރު ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށާއި އެއީ ކުންފުނިތަކުގެ ޖުމްލަ އާމްދަނީގެ 30 ޕަސެންޓް ކަމަށް ޕީސީބީން ބުންޏެވެ.
ރިޕޯޓުގައިވާ ގޮތުން ސަރުކާރު ކުންފުނިތަކުގެ ތެރެއިން ގެއްލުމުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޗްޑީސީއަށް 3.23 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ޕީސީބީން ބުންޏެވެ. އެ ކުންފުންޏެއް އެހާބޮޑު ގެއްލުމެއްވީ ހުޅުމާލޭގައި ޔޮޓު މެރިނާ އެޅުން ހިސާބުތަކުން އުނި ކުރުމާއި ހުޅުމާލެ ފޭސް ދޭއްގެ ޔުޓިލިޓީ ނެޓްވޯކު ގާއިމްކުރަން ސްޓެލްކޯ އިން ލިބެން ޖެހޭ ފައިސާ ނުލިބުމުގެ އިތުރުން ހިޔާ ފްލެޓުތަކުގެ ކުއްޔާއި ޖޫރިމަނާ ކުޑަކުރުމުގެ ސަބަބުން ކަމަށް ޕީސީބީން ބުންޏެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ހަމައަށް އައި އިރު ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ 34،369 ކަމަށް ޕީސީބީން ބުންޏެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 30،866 ގައި ކަމަށް ޕީސީބީން ބުންޏެވެ. ސަރުކާރުގެ 31 ކުންފުންޏަކުން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ މުވައްޒަފުންގެ މުސާރައަށް ކަމަށް ޕީސީބީން ބުންޏެވެ.
ޕީސީބީން ބުނީ މިދިޔަ އަހަރު އެންމެ ގިނައިން މުވައްޒަފުން ވަޒީފާއަށް ނަގައިފައިވަނީ ފެނަކަ ކޯޕަރޭޝަން، އެޗްޑީސީ، ސްޓެލްކޯ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކަމަށެވެ.
އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށް ޕީސީބީން ބުންޏެވެ.
ޕީސީބީން ބުނީ ކުންފުނިތަކަށް ލިބޭ އާމްދަނީގެ ނިސްބަތުން މުސަރާއަށް އެންމެ ބޮޑު ހަރަދެއް ކުރަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކަމަށެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް 3.28 މިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ލިބުނު އިރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 11.69 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ އާމްދަނީގެ ނިސްބަތުން ބަލާއިރު، 356 ޕަސަންޓް ކަމަށް ޕީސީބީން ބުންޏެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން އާމްދަނީގެ 270 ޕަސަންޓު އަދި ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (ކޭއައިސީ) އިން 207 ޕަސަންޓު މުސާރައަށް ހަރަދުކުރާ ކަމަށް ޕީސީބީން ބުންޏެވެ.