ޚަބަރު

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ސަބަބުން ވީއައިއޭއަށް އުމްރާނީ ތަރައްގީ ލިބޭނެ: ޝަރީފު

ފާތިމަތު ލިޔުޝާ

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ އެއާޕޯޓުގެ ތަރައްގީއަށާއި ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއްކަމުގައި ވީއައިއޭގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. އެ ކޮންގްރެސް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރެވެ. މިއީ މި ކޮންގްރެސް ބާއްވާ ހަތްވަނަ ފަހަރެވެ.

ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ސަބަބުން ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ ކުރިއަށް ގެންދިއުމަށް އާ ފުރުސަތުތަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެ ހަރަކާތުގެ ތެރެއިން އުފެދިގެންދާ ގުޅުންތަކުގެ ސަބަަބުން، ވިޔާފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ މި އޮތީ އިގުތިސާދު އާ ހަރުފަތަކަށް ގެންދިއުމުގެ މަގުމަތީގަައި. ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއާއި އެއް ހަމައެއްގައި ހިދުމަތް ދެވޭތަނަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން," އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަދަ ބައިނަލްއަގުވާމީ ބޮޑު އިންވެންޓެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތާގުޅޭ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި އެފަދަ ކޮންގްރެސްތަކުގައި ކުރާ މަޝްވަރާތަކަކީ ރާއްޖޭގެ އިގުތިސާދު ތަރައްގީކޮށް، ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.

އެއާއެކު އެއާ ސާވިސް ވޯލްޑް ކޮންގްރެސް އިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ބައިވެރިންނަށް ގޮވާލެއްވިއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް އާއެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާގުޅޭ މައުލޫމާތު އެ ސިނާއަތުގައި މަސައްކަތް ކުރާ އެހެން ގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ ކަމަށާއި އެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްއާއި އެ ސިނާއަތުގެ އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވީއައިއޭގެ މި އަހަރުގެ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި ބާއްވާއިރު، ޖުމުލަ 27 އެއާލައިން އަދި 17 އެއާޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.