އިބްރާހިމް ޒަކީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް ދޫކުރުމާ ގުޅޭ ގޮތުން ކުރަމުންދާ އެންމެ ފަހުގެ މަސައްކަތްތައް އޮޅުންފިލުވުމަށް ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން އެގޮތަށް ނިންމީ ވޭތުވެދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އޮތްއިރު، އެ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ގެޒެޓު ކުރި އެންމެހާ ފަރާތްތަކާއި އެކަމުގެ މަސްލަހަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓުތައް ބާތިލުނުކުރުމަށް ގޮވާލައި ހުށަހަޅާފައި އޮތް ޕެޓިޝަނަކާ ގުޅިގެންނެެވެ.
އެ ޕެޓިޝަންގެ މައްސަލައިގައި 19 ވަނަ މަޖިލިސް އޮތްއިރު، މިހާރުގެ ހައުސިން މިނިސްޓްރީއާއި ކުރީގެ ހައުސިން މިނިސްޓްރީގައި ތިއްބެވި އިސް ބޭފުޅުންގެ އިތުރުން އޭސީސީގެ އިސް ބޭފުޅުންވެސް ކޮމިޓީއަށް ހާޒިރުކޮށް ވަނީ މައުލޫމާތު ސާފުކޮށްފައެވެ.
ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައިވެސް އެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން އޭސީސީގެ ބޭފުޅުންނާ ބައްދަލުކުރަންވެސް ވަނީ ނިންމައިފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރަމުން އަންނަ 4000 ފްލެޓަށް ހޮވުނު ފަރާތްތަކުގެ ލިސްޓެއް އޭރުގެ ސަރުކާރުން ގެޒެޓުކޮށް ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކުރި ނަމަވެސް ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި އޭސީސީން ވަނީ ފްލެޓް ހަވާލުކުރުން ހުއްޓުވައިފައެވެ. އޭސީސީން ބުނެފައިވަނީ އެ ލިސްޓުގައި ޝަރުތު ފުރިހަމަ ނުވާ މީހުން ހިމެނޭ ކަމަށެވެ. އެހެންކަމުން އޭސީސީން ވަނީ އެ މައްސަލަ ބަލައި މިނިސްޓްރީއަށް އެކަމާބެހޭ މައުލޫމާތުތައް ހިއްސާކޮށްފައެެވެ.
އޭގެފަހުން ފްލެޓަށް ޝަރުތު ފުރިހަމަވާ މީހުން ބަލައި ފްލެޓްގެ މައްސަލަ ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ހާއްސަ ކޮމިޓީއެއް އުފައްދައިފައެވެ.