ޚަބަރު

ހަރުދަނާ ބަދަލުތަކަށް މަރުހަބާ ކިޔާނަން، މާލީ ހާލަތު "ވާނުވާ"ގައި ބާއްވައިގެން މޮޅެއް ނުލިބޭނެ: ފައްޔާޒް

ރައްޔިތުން ބަލައިގަންނަ ހަރުދަނާ ބަދަލުތަކަށް އެމްޑީޕީ އިން މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް މާލީ ހާލަތު "ވާނުވާ"ގައި ބާއްވައިގެން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން ފަދަ ދައުލަތުގެ ނިޒާމީ ކަންކަމަށް ބަދަލުގެނައުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަންޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ކުރިން މި ވަގުތު އިސްކަންދޭންވީ މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުމަށް ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ގައުމުގެ މާލީ ހާލަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވާއިރު، ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކުމުން މާލިއްޔަތު އަދި އިގުތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ ކަމަށެވެ.

އެހެންކަމުން ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަންޖެހޭ ކަމަށާއި ސިޔާސީ މުވައްޒަފުންގެ އަަދަދާއި ވައުދާ އެއްގޮތަށް، ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރޭތޯވެސް ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫ ކަމެއް ނޫން އަދި މި ވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު. ނޭނގޭ ނަމަ އެއީ އަދި މާކަންބޮޑުވާންޖެހޭ ކަމެއް. އެމްޑީޕީ އިން ރައްޔިތުން ބަލައިގަންނާނެ ހަރުދަނާ ބަދަލުތަކަށް މަރުހަބާ ކިޔާނެ. މާލީ ހާލަތު "ވާނުވާ" ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް،" ފައްޔާޒް ވިދާޅުވިއެވެ.