ޚަބަރު

ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރުގެ ބޮޑުބައި ނިމިއްޖެ

ސ. ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި ކުރިއަށްދާ މިފްކޯ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައި ނިންމާލައިފި އެވެ.

އެ މަޝްރޫއަކީ ޕީއެސްއައިޕީގެ ދަށުން 2020 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 69 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ފޭސް 1 ގައި ހިމެނެނީ ނެރު ކެނޑުމާއި 90 މީޓަރުގެ އެލޯންގް ސައިޑް ޖެޓީއެއް ހެދުމެވެ.

އޭއެފްސީގެ ރީޖަނަލް މެނޭޖަރު އަހުމަދު ޝާހިދު މިއަދު ވިދާޅުވީ އޭއެފްސީ އެކްސްޕޯޓް ޖެޓީ ޑްރެޖްކުރެވިފައި ވަނީ ބޮޑެތި ބޯޓު ފަހަރަށް ވެސް ކައިރި ކުރެވޭގޮތަށް ކަމަށެވެ. ނަމަވެސް ޖެޓީގެ މަސައްކަތް ނުނިމި ލަސްވެފައި ވަނީ ޖެޓީއަށް ވަންނަ މަގު ނުކޮނެވި އޮތުމުގެ ސަބަބުން ކަމަށެވެ.

މިހާރު ޖެޓީމަތީގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ޕޭވް ކުރުމާއި ލައިޓްޖެހުމާއި ފްރީޒިން ކޮންޓެއިނާ ބޭސްމަންޓް އެޅުން ހިމެނޭކަމަށް ޝާހިދު ވިދާޅުވި އެވެ. އެ މަސައްކަތްތައް ނިމުމުން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓު ޖެޓީއަށް ވައްދައިގެން ކޮންޓެއިނަރު ލޯޑުކޮށްގެން މަސް ބޭރުކުރުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"ޖެޓީގެ ހުރިހާ މަސައްކަތެއްކޮށް ނިންމުމުން މިފްކޯގެ މަދާ ވެސެލްތަކަށް ވެސް ފަސޭހަކަމާއެކު ވަދެ މަސް ލޯޑު ކުރުމާއި އަންލޯޑުކުރުމުގެ ޕްރޮސެސް ބަރާބަރަށް ކުރެވޭނެ." ޝާހިދު ވިދާޅުވިއެވެ.

އޭއެފްސީގެ އޮޕަރޭޝަންސް ޑެޕިއުޓީ މެނޭޖާ އަލީ ޝިޔާޒު ވިދާޅުވީ އެ ސައިޓަކީ މަސްވެރިންގެ އަތުން މަސްގަނެ މަސް ފިނިކުރުމަށްފަހު މަސްއެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރާ ސެންޓަރަކަށްވެފައި، އޭއެފްސީގެ އެކްސްޕޯޓު ޖެޓީ ނުނިމި އޮތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

"މިޖެޓީ ނިމިއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް ލިބޭ މަސް އަޅުގަނޑުމެންގެ ޖެޓީން ސީދާ އެކްސްޕޯޓު ކޮށްލެވޭނެ." ޝިޔާޒު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ 85 ޕަސަންޓް މަސައްކަތް ނިމިފައިވާއިރު، އެމްޓީސީސީން ބުނީ ނުނިމި ހުރި ޗެނަލް ޑްރެޖިންގެ މަސައްކަތް ހުއްޓިފައި ވަނީ އެ ކުންފުނިން ކުރާ ހުރިހާ ޑްރެޖިންގެ މަސައްކަތްތައް އެއް މަސް ދުވަހަށް ސަސްޕެންޑްކުރުމާ ގުޅިގެން ކަމަށެވެ.

ނަމަވެސް އެ ސަސްޕެންޝަން މިދިޔަ ޖޫން މަހު މެދުތެރޭގައި އުވާލުމާއި ގުޅިގެން އެމްޓީސީސީގެ ޑްރެޖަރު އައްޑޫގެ ސައިޓަށް ގެނެސް އަލުން މަސައްކަތް ފެށުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ،