ޚަބަރު

އެމްޓީސީސީގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވާތީ، ސަމާލުވޭ!

ފާތިމަތު ލިޔުޝާ

އެމްޓީސީސީގެ ޔޫރޯ ފުޓްބޯޅަ މުބާރާތާ ގުޅިގެން ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް ސްކޭމް މެސެޖްތަކެއް ފޮނުވާ މައްސަލައެއް ފެންމަތިވެ، އެކަމަށް ސަމާލުވުމަށް އެކުންފުނިން އެދިއްޖެއެވެ.

އެމްޓީސީސީން އިއްޔެ މީޑިޔާތަކަށް ބުނީ، އެކުންފުނިން ޔޫރޯ ފުޓްބޯޅަ މުބާރާތާ ގުޅިގެން ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް އެކުންފުނީގެ ނަމުގައި "ފިޝިން ސްކޭމް" އެއް ކުރިޔަށްގެންދާ ކަމުގެ މައުލޫމާތު އެމްޓީސީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވަކި ވަގުތެއްގެ ކުރިން ރަޖިސްޓާވާން ކަމަށް ބުނެ އެއްވެސް މެސެޖެއް ނުވަތަ ލިންކެއް ފޮނުވާފައިވާ ނަމަ، އެކަމަށް ސަމާލުވެ، ހުށިޔާރުވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

އެފަދަ ސްކޭމް އެއްގައި ޖެހި ޕާސްވޯޑު ދީފައިވާ ނަމަ، އަވަހަށް ޕާސްވޯޑު ބަދަލުކުރުމަށް ވެސް އެމްޓީސީސީން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން އިތުރު ރައްކާތެރިކަމަށް އޯޕީޓީ އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި ޓޫފެކްޓާ އޯތެންޓިކޭޝަން އެކްޓިވޭޓް ކޮށްފައި ބެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.