ބިއުޓީ

އާލިޔާ ބަޓްގެ ރީތިކަމުގެ ސިއްރުތައް

ބޮލީވުޑްގެ އެންމެ ހެޕަނިން އެއް ބަތަލާއަކީ އާލިޔާ ބަޓްއެވެ. މިއަހަރު އާލިޔާ ވަނީ ފިލްމު ރާޒީ އިން ގިނަ އެވޯޑުތަކެއް ހޯދައިފައެވެ. އެއާއެކު ބޮލީވުޑްގައި މިވަގުތު ހުރި އެންމެ މޮޅު އެއް ބަތަލު ކަމުގައި ހިމެނޭ ރަންބީރު ކަޕޫރާ ރައްޓެހިވުމުންނާއެކު އާލިޔާ ވަނީ ފަލަ ސުރުހީތަކުން ޖާގަ ހޯދައިފައެވެ.

ކިތަންމެ ބިޒީކޮށް އުޅުނަސް އާލިޔާ ފެންނަނީ ދުވަހެއް ދުވަހަކަށް ރީތިވަމުން އަންނަތަނެވެ. ހަމަގައިމުވެސް އެއީ ސިއްހަތާއި ރީތިކަން ދެމެހެއްޓުމަށް ގިނަ މަސައްކަތް ކުރާތިންކަން އެނގެ އެވެ. އެހެންކަމުން އޭނާގެ ރީތި ކަމުގެ ސިއްރުތަކަށް ބަލައިލާނަމެވެ.

ބިއުޓީ ސްލީޕް

އާލިޔާގެ ރީތި ކަމުގެ ފަހަތުގައި ވަނީ ގަވައިދުން ނިދުން ކަމުގައި އޭނާ ބުނެއެވެ. ދުވާލު ގިނަ މޭކަޕްތަކެއް ކުރުމާއެކު މޫނުގެ ހަންގަނޑު އެހާ ބޮޑަށް ބޭނުން ކުރެވޭތީއާވެސް އެކު، އެ ހަންގަނޑަށް ބޭނުންވާ އަރާމު ހޯދައިދިނުމުގެ ގޮތުން ހަމައަށް ނިދުމަށް އޭނާ ވަނީ އާދަކޮށްފަ އެވެ. އެއީ ހަތްގަޑި އިރު ނުވަތަ އަށް ގަޑިއިރުގެ ނިންޖެވެ. މިއީ ހަލާކުވެފައިވާ ހަންގަނޑު އަލުން ދިރުމަށް ލިބޭ ވަގުތެވެ.

މަލްޓިވިޓަމިންސް ބޭނުން ކުރުން

ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް މަލްޓިވިޓަމިންސް އާލިޔާ ބޭނުން ކުރެއެވެ. އާލިޔާ ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ހަމުގެ މަތީ އަދި އަޑީ ފަށަލައަށް ވިޓަމިން އޭ ބޭނުންވެއެވެ. އެއީ އަވިން ހަންގަނޑު ހަލާކުވުމުން ރައްކާތެރިކުރުމަށެވެ. އަދި ހަންގަނޑު ހީލް ކުރުމަށެވެ. ވިޓަމިން ސީ އަކީ ހަމަށް އެންމެ ބޮޑަށް ބޭނުންވާ ޕްރޮޓިންއެވެ. އަދި އޭގެން މޫނުގައި ހުންނަ ލައްތައް ވެސް ނައްތައިލައި މޫނު ސާފުކޮށްދޭނެއެވެ.

ހައިޑްރޭޓްކޮށް ހުރުން

މިއީ ހުރިހާ ތަރިންވެސް ބުނާ ވާހަކައެކެވެ. ފެނުގެ މުހިންމުކަމުގެ ވާހަކަ އެވެ. އާލިޔާވެސް ދުވާލަކު މަދުވެގެން އަށް ތަށި ފެން ބޮއެވެ. ވީހާވެސް ގިނައިން ފެން ބުއިމުން ހަންގަނޑަށް އިތުރު ތާޒާކަން ގެނެސްދެއެވެ.

ރޭނގަނޑު ހަމަށް ސަމާލުވުން

ރޭނގަޑު ގަވައިދުން މޭކަޕް ދޮވުމާއި މޫނު ސާފު ކުރުމަކީ އާލިޔާ ކޮންމެހެންވެސް ކުރާކަމެކެވެ. މޭކަޕް ފޮހުމަށް އާލިޔާ ބޭނުން ކުރަނީ ނެޗުރަލް ވައިޕްސް އެވެ. އެއަށް ފަހު މޫނު ސާފުކޮށް ދޮވުމަށްފަހު މޮއިސްޗަރައިޒް ކުރެއެވެ.

އައިސް

ގޭގައި ތައްޔާރުކުރާ މާސްކް ތަކާއި ގޭގައި ހުންނަ ތާޒާ ބައެއް ތަކެއްޗަކީ ހަމަށް ވަރަށް ފައިދާ ކުރާ ތަކެއްޗެވެ. އެގޮތުން އާލިޔާ ބޭނުން ކުރަނީ އައިސް އެވެ. މޫނު ދުޅަކަމުގައި ވާނަމަވެސް ނުވަތަ މޫނު ތާޒާކޮށްލުމުގެ ގޮތުންވެސް މޭކަޕް ކުރުމުގެ ކުރިން މޫނުގައި އައިސް ބޭނުން ކުރެއެވެ.

މޫނުގައި ބިހި ނަގައިފިނަމަ އާލިޔާ ބޭނުން ކުރަނީ މަލްތާނީ މިއްޓީ ފޭސްޕެކްއެކެވެ.