ނަހަލާލު ފައިސާ އަމިއްލަ ގެއަށް ވެއްދި ކަމަށް ބުނެފައިވާ ނަމަ އެއީ އެމީހެއްގެ އަމިއްލަ އިއުތިރާފެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވީ އޭނާ މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގަ އެވެ.
ޝެއިޚް ޒައިދުގެ ޓުވީޓުގައި ވިދާޅުވީ ނަހަލާލު ފައިސާ އަމިއްލަ ގެއަށް ވެއްދި ކަމަށް ބުނުމަކީ އަމިއްލަ އިއުތިރާފެއް ކަމަށްވާ އިރު، އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
"އެފަދަ ކަންކަމުގައި މާފު ދިނުމަކަށް އިސްލާމްދީން ބާރެއް ނާޅާ. ސަބަބަކީ ގެއްލެނީ ރައްޔިތުންގެ ހައްގު ކަމަށް ވާތީ." ޒައިދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ޝެއިޚް ޒައިދު މިގޮތަށް ޓުވީޓް ކުރައްވާފައިވާ އިރު، ރައީސް ޔާމީން ގެ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ވީ އެންމެ އަވަހަކަށް ބަލަން ޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ރައީސް ޔާމީން ރާއްޖެއިން ފުރިޔަ ނުދީ ބަންދުކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.