ޚަބަރު

ޔުނިވާސިޓީގެ ދަރަޖަ ލިބޭ މުއްދަތު 15 އަހަރަށް ކުޑަ ކުރަނީ

އިބްރާހިމް ޒަކީ

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް މުއްދަތު ކުޑަ ކުރުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފައެވެ.

ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ޝަރުތުގެ ގޮތުގައި ގާނޫނުގައި މިހާރު އޮންނަނީ ކޮލަޖެއްގެ ގޮތުގައި ރާއްޖޭގައި މެދު ކެނޑުމެއްނެތި ހިނގަމުން އަންނަތާ 20 އަހަރުވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް ދިވެހި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެންނަން ފޮނުވާފައިވާ މި ބިލުގައި އެ މުއްދަތު އޮތީ 15 އަހަރަށް ކުޑަ ކޮށްފައެވެ.

ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި ފުރިހަމަ ވާންޖެހޭ އިތުރު ހަތް ޝަރުތެއް ވެސް މި ބިލުގައިވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައެއްގެ މަދުވެދުވެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރު ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުމާއި ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުމާއި ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ ރޭޓް ކުރެވި ނުވަތަ ރޭންކު ކުރެވިފައިވާ ކޮލެޖަކަށްވުމާއި ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށް ވުމެވެ.

މީގެ އިތުރުން އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުން މަދުވެގެން 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުމާއި ކޮލެޖުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމްވެފައި ހުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.