މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ރުމޭނިއާގެ މިނިސްޓްރީ އޮފް އިންޓަރނަލް އެފެއަރޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ހެޑް އޮފް އިމަޖެންސީ ސިޗުއޭޝަންސް ރާއިދު އަރަފާތުއާ މިއަދު ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގައި ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޑިޒާސްޓަރ މެނޭޖްމަންޓާއި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
މި ބައްދަލުވުމުގައި އަރަފާތު ވަނީ މިދާއިރާތަކުން ގާބިލްކަން އިތުރުކުރުމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރުމޭނިއާއިން ތައްޔާރަށް އޮތްކަން ހާމަކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ފާތިމަތު ރަޒާނާއެވެ.