އެފްއޭއެމް

އިންތިހާބީ ދައުރު ނިމުމަކަށް، އެފްއޭއެމް ދަނީ ނޯމަލައިޒޭޝަނާ ދިމާލަށް!

ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މިހާރު އޮތް އިންތިހާބީ ހިންގާ ކޮމިޓީގެ ދައުރު، މިރެއަށް ހަމަވެ، އެ އިދާރާގެ އެކްސްކޯގެ މަގާމުތައް މިރޭ ހުސްވާނެއެވެ.

މިރޭ 12:00 އަށް އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާން އޮތްއިރު، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް މިހާރު ހުންނެވީ ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައެވެ. މިދިޔަ މަހު ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އިންޑިޕެންޑެންޓް އެތިކްސް ކޮމިޓީންނެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ އާޓިކަލް 86 އަކަށް ރިއާޔަތް ކޮށެވެ.

ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އިންވެސްޓިގޭޓަރީ ޗެމްބާ އިން އެންގި އެންގުމަކާ ގުޅިގެންނެވެ. އެ ޗެމްބާ އިން ބައްސާމް ސަސްޕެންޑް ކުރަން އެދިފައިވަނީ ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހިންގަމުން އަންނަ ބައްސާމްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތަހުގީގާ ގުޅިގެންނެވެ.

އޭގެ އިތުރުން ފީފާ ފަންޑުން ނާޖައިޒު ބޭނުންތައް ހިފައި، އެ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަވެސް ބަލަމުންދާއިރު، މިދިޔަ އަހަރު އޮކްޓޯބަރު މަހު ފުލުހުން އެފްއޭއެމް ހައުސްއަށް ވަން ވަނުންވެސް އިންވެސްޓިގޭޓޮރީ ޗެމްބާ އިން ވަނީ ފާހަގަކޮށްފައެވެ.

ފީފާ އިން ބުނެފައި ވަނީ ރާއްޖެ އިން މިހާތަނަށް ހިންގާފައި ތަހުގީގުގެ އިތުރުން ފީފާއާއި އޭއެފްސީގެ ޓީމުން ރާއްޖެ އައިސް ބެލިބެލުމުން ގޯސް ކަންތައްތަކެއް ހިންގާފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ތަހުގީގުގެ އަލަތު މަރުހަލާ އިން ފާހަގަވާ ކަންކަމުގެ ތެރޭގައި ބައްސާމް، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ހަދިޔާ ނެގުމާއި އަމިއްލަ ނާޖައިޒު ފައިދާތައް ނެގުމުގެ އިތުރުން ފަންޑުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އެ ސަސްޕެންޝަނާއެކު އެފްއޭއެމްގެ ރައީސް ކަމަށް ހުސްކަމެއް އައި ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ. އެއީ ފުޓުބޯޅައިން ސަސްޕެންޑް ކުރުމުން ދެން އެފްއޭގެ ރައީސްކަމުގައިވެސް ނުހުރެވޭނެތީއެވެ. އެހެންކަމުން ބައްސާމަށް މިހާރުވެސް އޮތީ މަގާމު ގެއްލިފައެވެ.

އެ ހާލަތުގައި އެފްއޭ އޮތްއިރު، އިންތިހާބެއްވެސް ބޭއްވެން މި ވަގުތު އޮތީ ފީފާއާއި އޭއެފްސީން ސީދާ ޖަވާބެއް އެފްއޭއަށް ފޮނުވައިގެންނެވެ. މި ވަގުތު އިންތިހާބެއް ނުބޭއްވި އޮތީ އެފްއޭ ތެރޭގައި ހިނގަމުންދާ ކަންކަމުގެ ސަބަބުންނެވެ. އެކަންކަން ބަލަން ރާއްޖެއަށް ފީފާއާއި އޭއެފްސީގެ ޓީމެއް އައިސްފައިވެއެވެ. އެ ޓީމުން ރަސްމީކޮށް ނިންމި ނިންމުން އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން އެފްއޭއެމްގެ އިންތިހާބު ދެ ފަހަރަށް ބާއްވަން އުޅެގެންވެސް ވީ ނާކާމިޔާބެވެ.

މީގެ ކުރިން ރާއްޖޭގެ ކޮމިޝަނަރު އޮފް ސްޕޯޓްސްއާ ފުޓުބޯޅައިގެ ސުވާލު ކުރުމުންވެސް ދެއްވާފައިވާ ޖަވާބަކީ ފީފާއާއި އޭއެފްސީގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށް ބުނެ ދީފައިވާ ޖަވާބެވެ. މުހައްމަދު ތޮލާލް (ތޮލާ) ވިދާޅުވީ ނިންމުން ނިންމޭނީ އޭއެފްސީއާއި ފީފާގެ ނިންމުމެއް އައި އިރަކުން ކަމަށެވެ. އެއީ ފީފާއާއި އޭއެފްސީ އަކީ އެފްއޭއެމްގެ ބެލެނިވެރި ފަރާތް ކަމަށްވާތީއެވެ.

އެފްއޭއެމްގެ އިދާރާ ކަންކަން ހިންގާ، އެ އިދާރާގެ ހާލަތު ބަދަލުކުރުމަށް ފީފާއާއި އޭއެފްސީއާ މި ވަގުތު މުއާސަލާތު ކުރަމުންދާ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) މިއަދު "ވަން ސްޕޯޓްސް"އަށް ވިދާޅުވީ މި ހަފުތާ ތެރޭގައި ފީފާގެ ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ބޮޑު ކަމަށެވެ. އަދި ނިންމުން ނިންމަން ލަސްވަނީ ފީފާގެ އެކިއެކި މަރުހަލާތަކުން ނިންމަން ޖެހޭނެ ނިންމުމަކަށްވާތީ ކަމަށްވެސް ޖައު ވިދާޅުވިއެވެ.

"ވަން ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި ފީފާގެ ނިންމުމަކީ ރާއްޖޭގެ އެފްއޭ ނޯމަލައިޒްކޮށް، ހަމައަކަށް އަޅުވަން މަސައްކަތް ކުރުމެވެ. ފައިސާގެ މައްސަލަތައް ބޮޑުކޮށް އެފްއޭ އޮތުމުން، އެ މައްސަލަތަކާއި އިދާރާ މައްސަލަތައް ހައްލުކުރުމަށް ނޯމަލައިންޒޭޝަންގެ ތެރެއިން ވަގުތު ދޭން ފީފާ އިން ނިންމާނެ ކަމަށް ބެލެވޭ އިރު، ތަޖުރިބާކާރަކު "ވަން ސްޕޯޓްސް" އަށް ބުނީ "ނޯމަލައިޒް ކުރާނެ ކަމަށް 99 ޕަސެންޓް ޔަގީން" ކަމަށެވެ.

ނިންމުން ލަސްވަމުންދަނީ އެ ނިންމުމަކީ ފީފާ ކައުންސިލުން ނިންމަންޖެހޭ ނިންމުމަކަށްވާތީ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފީފާގެ ކައުންސިލް ބައްދަލުވުމެއް ދެން އެންމެ އަވަހަށްވެސް އޮތީ މި މަހުގެ ފަހު ކޮޅުއެވެ. ފީފާއާއި އޭއެފްސީގެ އެ ނިންމުމާ ހަމައަށް ދެން ރާއްޖޭގެ އެފްއޭ ހިނގަމުންދާނީ އެކްސްކޯއެއް ނެތި ކަމަށް ބެލެވެއެވެ. އެއީ މިރޭގެ 12:00 އާ ހަމައަށް އިތުރު ނިންމުމެއް ނާންގާ ނަމައެވެ.