ނ. ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 44 ޕަސެންޓް ނިމިއްޖެއެވެ.
އެ މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން 66,701 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 2,205 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބަނދަރުގެ 366 މީޓަރުގެ އެއްގަމުތޮށި ލުމާއި 321 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 95 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1,720 އަކަ މީޓަރުގެ ސަރަހައްދެއްގެ ހާބާ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 64.87 މިލިއަން ރުފިޔާއަށެވެ. ޅޮހީ ބަދަރު ތަރައްގީގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރަން ތައްޔާރުވެ، ސައިޓް މޯބަލައިޒް ކުރީ 2023 އޮގަސްޓު ހަތްވަނަ ދުވަހުގައެވެ.