ޚަބަރު

ފޮރިން މިނިސްޓަރު ޝާހިދު، ރޫމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރާ ބައްދަލުކުރައްވައިފި

އަލީ އިހްސާން

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ޕާޓްނަރޝިޕްސް އިމްޕްލިމެންޓޭޝަން އަނާ ބަރޗޯލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ހެނދުނު ރުމޭނިއާގެ ބޮޑުވަޒީރުގެ އޮފީސް ވިކްޓޯރިއާ ޕެލަސްގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރު ޝާހިދާއި ވައިސް ޕްރައިމް މިނިސްޓަރު އަނާ ބަރޗޯލް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ. އަދި މިނިސްޓަރު ޝާހިދު ވަނީ ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވުމުގައި ރުމޭނިއާ އިން އަދާކުރަމުންދާ ދައުރަށް މަރުޙަބާ ދަންނަވައިފައެވެ. މީގެ އިތުރުން ތަފާތު އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ރުމޭނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން ސިއްހީ ދާއިރާއާއި، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތުގެ ދާއިރާއިންނާއި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާގެ އިތުރުން ތައުލީމާއި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ރޮނގުންނާއި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމައެއާއިއެކު ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާރކެޓްގައި އިތުރަށް ޕްރޮމޯޓްކުރުމަށް ދިވެހި ސަރުކާރުން ބޭނުންވާކަން ހާމަކުރައްވައި، މިނިސްޓަރު ޝާހިދު އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިންމިނިސްޓްރީން ބުނެއެވެ.

އަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖެއާއި ރުމޭނިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރެވުނުތާ 40 އަހަރުފުރުން ފާހަގަކުރާނެއެވެ.