ސްޓެލްކޯގެ ކޭބަލްތަކެއް ވަގަށް ނެގުމުން ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާލެ ސިޓީ، ހެންވޭރު، ބޮޑުތަކުރުފާނު މަގާއި، ކުރަނގި ގޯޅި އަދި މެހެލި ގޯޅި ހިމެނޭ ސަރަހައްދުން މިދިޔަ މަހުގެ 30 ގައި ވަނީ ކޮށްފައެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލް ބުރިކޮށްލައިގެން ވަގަށް ގެންދިއުމާގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން ހެންވޭރުގެ ބައެެއް މަގުތަކުންނާއި ގެތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
"ރައްޔިތުންނަށް މި ދަނޑިވަޅުގައި ދިމާވާ ދަތިތަކަށް މައާފަށް އެެދެން" ސްޓެލްކޯއިން ބުންޏެވެ.
ހެންވޭރު އަބަދަށްފެހި މަގާއި މެދުޒިޔާތަރްމަގާއި ކަޅުހުރާމަގާއި ކަރަންކާ މަގުގެ އިތުރުން ބައެއް ގެތަކުންވެސް ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިކަމަށެވެ. އާ ކޭބަލް އަޅައި ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:12 ގައި މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ހުންނަ ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް ތަކެތި ވަގަށްނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
އެ މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.