ޚަބަރު

ޖަލު އޮފިސަރަކަށް ހަމަލާ ދިނުމަށްފަހު ފިލައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

ހުޅުމާލެ ޖަލުގައި މަސައްކަތްކުރާ މޯލްޑިވްސް ކަރެކްޝަންސް ސާވިސް (އެމްސީއެސް)ގެ އޮފިސަރަކަށް މަރުތޭލަކުން ހަމަލާދިން މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ/ މިރިހިމާގެ، އަހުމަދު އިޔާޒް (24އ) އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހުމަދު ރަބީއު (26އ) އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، 11 ޖޫން 2024 ގައި ހުށަހެޅި އެ މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖުތަކާއި އިތުރު ކެމެރާ ފުޓޭޖުތައް ނަގައި ބެލި އިރު، ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަނުން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވުނު ކަމަށެވެ.

އަދި މައްސަލައިގައި ހިމެނޭ ޖަލު އޮފިސަރަށް ހަމަލާ ދިނީ އޭނާ ސައިކަލުގައި ދުއްވާފައިދަނިކޮށް، އޭނާގެ ފަހަތުން އައިސްގެން ކަމަށާއި އެ ހަމަލާގައި އޮފިސަރަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އޮފިސަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވަނީ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ދެ މީހުންކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ކަށަވަރުވެފައިވާ ކަމަށެވެ. އެގޮތުން ޖޫން 14 ވަނަ ދުވަހު ހއ. ބާރަށުގައި ފިލައިގެން އުޅެނިކޮށް އިޔާޒު ހައްޔަރުކުރި އިރު، ރަބީއު ހައްޔަރުކުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް، 20 ޖޫންގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.