ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން އޮންލައިން" އަށް ވިދާޅުވީ މިއަދު މެންދުރުފަހު 3:03 ހާއިރު ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ އެ އެކްސިޑެންޓު ހިނގާފައިވަނީ ނިރޮޅުމަގު ވެލިގާ ހާޑްވެއާ ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ޕިއްޒާ ބޯނާ ޑެލިވަރީ ސައިކަލެއްގެ ފަހަތުން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ސައިކަލް ދުއްވަން އިނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި ފަހަތުގައި އިނީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އޭގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އިނގިލީގެ ހުޅުމަތިންނާއި ވާތުގެ އުޅަނބޮށި ކައިރިން މަށައިގެން ގޮސްފައިވާ ކަމަށާއި 17 އަހަރުގެ ކުއްޖާގެ ވާތު އުޅަނބޮއްޓާއި ކަނާތު ކުޑަހުޅު މަތިންނާއި މޫނުގެ ދެ ތަންކޮޅު މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންގެ ތެރެއިން 17 އަހަރުގެ ކުއްޖާ ހުޅުމާލޭ އޮބްޒަވޭޝަނުގައި ހަތަރު ގަޑިއިރަށް ބާއްވާފައިވާ ކަމަށާއި އަނެއް ސައިކަލު ދުއްވަން އިން ބިދޭސީ މީހާގެ ވާތު އުޅަނބޮއްޓާއި ވާތުގެ ފައިގެ ކަކުލާއި ކުޑަހުޅު ކައިރިން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކުޑަ ދެ ކުދިން ދުއްވަން އިން ސައިކަލުގެ ކުރީ ކަވަރާއި ވަށިގަނޑު ހަލާކުވެފައިވާ ކަމަށާއި ބިދޭސީ މީހާ ދުއްވަން އިން ސައިކަލަށް ގެއްލުމެއް ލިބިފައިވާ ނުވާ ކަމަށެވެ. އަދި ބިދޭސީ މީހާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.