ޚަބަރު

އިސްލާމީ މަރުކަޒު ކައިރީގައި ހަދާ ޕާކިން ޒޯނު މާދަމާ ބޭނުން ކުރެވޭވަރުވާނެ: ސިޓީ ކައުންސިލް

އަލީ އިހްސާން

އިސްލާމީ މަރުކަޒު ކައިރީގައި ހަދާ ޕާކިން ޒޯނު މާދަމާ ބޭނުން ކުރެވޭވަރުވާނެ ކަމަށް މަލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މަލޭ ސިޓީ ކައުންސިލްގެ މެންބަރު އަހްމަދު ޒަމީރު ވިދާޅުވީ، އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހަދަން ގަސްތުކޮށްފައިވަނީ ރަމަޟާންމަހު އެސަރަހައްދުގައި ޕާކުކުރާ އުޅަނދު ގިނަވެ ބާރުބޮޑުވެފައިވުމުން އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމުގައެވެ.

މިރޭ އެ ޕާކިން ޒޯނުގެ މަސައްކަތް ނިންމާލައި މާދަމާ އެތަން ހުޅުވާލެވޭނެ ކަމަށާއި، ދެފުރޮޅުލީ އުޅަނދުތަކަށާއި، ހަތަރު ފުރޮޅުލީ އުޅަނޑުތަކަށްވެސް އެތަނުން ޕާކުކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު ޒަމީރު ވިދާޅުވީ އެ ޕާކިން ޒޯން ހަދަން ނިންމާފައިވަނީ ކަޅުވަކަރު މިސްކިތް އެޅުމަށް ހުސްކޮށްފައިވާ ކުރީގެ ދިރާގު ހުރި ބިމުގެ މަގަށްވާ ސަރަހައްދުގައި ކަމަށާއި، އެއީ މާކުރިންވެސް ޕާކިން ޒޯނެއް ހެދުމަށްޓަކައި ޕްލޭންކުރެވިފައިވާ ތަނެއްކަމުގައެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުވެސް ވަނީ، އިސްލާމީ މަރުކަޒުގައި ނަމާދަށް އަންނަ ފަރާތްތަކަށް އިތުރަށް ޖާގަ ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މާބަލް ޖަހާފައި ހުރި ސަރަހައްދުގައި ޕާކްނުކުރުމަށް އެދޭކަމުގައި ވިދަޅުވެ ޓްވީޓް ކުރައްވާފައެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ ކުރެއްވި ޓްވީޓް

މިހާރަކަށް އައިސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ގިނަވެ، އާންމުންގެ ޝަކުވާތައްވަނީ ބޮޑުވެފައެވެ.