އަމިއްލަ ފައިދާއަށް ދަރިން ނަހަމަގޮތުގައި ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރު އެކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަތަކަށް ބަލާއިރު ހަޟާނާތުގެ މައްސަލަތަކުގައި އަމިއްލަ ފައިދާއަށް ދަރިން ނަހަމަގޮތުގައި ބޭނުން ކުރާ މައްސަލަ ފާހަގަކުރެވިފައިވާ ކަމުގައެވެ. ނަފްސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި، އިހުމާލުގެ މައްސަލަތަކާއި، މައިންބަފައިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް ފާހަގަކުރެވިފައިވާ ކަމަށް އެޗްރާއުސީއެމްއިން ބުނެއެވެ.
އެކޮމިޝަނުން ބުނީ، ކުޑަކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަަރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި، ޖުވެނަލް ޖަސްޓިސްގެ ބިލު ވީ އެންމެ އަވަހަކަށް ފާސްކުރުމަކީ މުހިއްމު ކަމެއްކަމުގައެވެ.
މިހާރު އަމަލުކުރަމުންދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނުގައި ކުޑަކުދިންގެ ހައްގުތަކާމެދު އިހުމާލުވާ ފަރާތްތަކަށާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް އަމަލުކުރާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާއި، ދޭނެ އަދަބުތައް ބަޔާންކޮށްފައި ނެތުމަކީ، ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމަށް އޮތް ގޮންޖެހުމެއްކަމަށްވެސް އެޗްރާއުސީއެމްއިން ބުނެއެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގައުމީ ފެންވަރެއްގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ކުޑަކުދިންގެ ހައްގުތަކަށް އެންމެހާ ފަރާތްތައް އަހުލުވެރިކުރުވައި، އެކުދިންނަށް އަމާން ވެއްޓެއް ގާއިމުކުރުމަށް މަސައްކަތްކުރުމަށް ބާރުއަޅައި، އެކުދިންނަށް ބޭނުންވާނެ އެންމެހައި ހައްގުތަށް ކަށަވަރުކޮށްދިނުމާއި، ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމާއެކު ދުޅަހެޔޮ ސިއްހަތެއްގައި، އެކުދިން ހެދިބޮޑުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަމާމެދު މުޖުތަމައު ހޭލުންތެރި ކުރުވުން ކަމުގައެވެ.