ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލަށް މިރޭ ނުކުންނަ އިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަންޑަ އެސްޓިމޭޓް ނުކުރާނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނެފިއެވެ.
ސަސް އާއި ޓީސީ ވާދަކުރާ ފައިނަލް މިރޭ 9:00 އަށް ތާވަލުކޮށްފައިވާ އިރު، އެމެޗުގެ ކުރިން އިއްޔެ ވަނީ ޕްރި މެޗު ޕްރެސް ކޮންފަރެންސެއް ގައުމީ ދަނޑުގައި ބާއްވައިފައެވެ. ނިމާ އިއްޔެގެ ޕްރެސްގައި ސަސްއަށް ތައުރީފު ކޮށްފައިވެއެވެ. އޭނާ ބުނީ ސަސްއާ އެކު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވީ ޓީސީގެ މުހިއްމު ކުޅުންތެރިންތަކެއް ނުލާ ކުޅެގެން ނަމަވެސް، ސަސް އަންޑައެސްޓިމޭޓް ކުރެވެން ނެތް ކަމަށެވެ.
"ގްރޫޕް ސްޓޭޖުގައި ސަސްއާ ކުރިމަތިލި މެޗަށް ގޮންޖެހުންތަކެއް ހުރި. އެހެންނަމަވެސް އެ ނަތީޖާއަށް ނުވިސްނާ މިރޭ ނުކުންނާނީ. ސަސްއަކީ ބަލި ޓީމެއް ނޫން. ފައިނަލަކަށް ނާންނާނެ ބަލި ޓީމެއް. ސަސް ވެސް ގްރޫޕުން އެއްވަނަ ހޯދައިގެން، އީގަލްސް ސެމީގައި ބަލިކޮށްފައި އައީ ފައިނަލަށް. މިހާރު މި ޔޫތު މުބާރާތުގައި ކުޅޭ އެންމެ މޮޅު އެއް ޕްލޭޔަރު ހުރީ ސަސް ޓީމުގައި. އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ މިހާތަނަށް މި މުބާރާތުގައި ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ. މި އުމުރުފުރާ މުބާރާތެއްގައި އެހާ ތަފާތު ކުޅުންތެރިޔަކާ އެކު ފައިނަލަށް ނުކުންނަ އިރު، ސަސް ނުރައްކާވާނެ،" ނިމާ ބުންޏެވެ.
ނިމާ ބުނީ ޓީމެއް ތައްޔާރު ކުރި އިރު، ތަފާތު ޗެލެންޖްތަކާ ދިމާވި ކަމަށާއި އެ ޗެލެންޖްތަކާ އެކު ވެސް ޓީމު ބިނާކޮށް ކުޅެވުނީ ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ނިމާ ބުނީ ރާއްޖޭގެ ރަށްތަކުގައި ތަފާތު ހުނަވެރި ކުދިން ބައިވަރު އޮތްކަން މިފަހަރުގެ މުބާރާތުން ވެސް އެނގުނު ކަމަށެވެ. ޓީސީން އެމްއެސް ސޮކަ މޭޓްސްގެ ކުޅުންތެރިންނާ ވެސް އެކު މިފަހަރުގެ މުބާރާތަށް ނުކުތް އިރު، އެޓީމުން ވެސް އަތޮޅު ތެރެއިން ގިނަ ކުޅުންތެރިންތަކެއް ފެނިގެން ދެއެވެ.
"އަބަދުވެސް ފުޓުބޯޅައިގެ ތެރޭގައި ފެށިގެން އައި އިރުވެސް އަބަދުވެސް ލޯބި ކުރަން ޔޫތު މުބާރާތްތަކަށް. އެންމެ ފުރަތަމަ ފެށުނީވެސް އީގަލްސްއިން. އޭރު އީގަލްސްއިން ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރާ ކަމެއް އެއީ ޔޫތު ކުޅުންތެރިން ނެރެ، ގައުމީ ލެވެލްއަށް ތައާރަފް ކުރުން. އެއީ އަބަދުވެސް ކުރާ ހިތްވާ މަސައްކަތެއް. މީގެ ކުރިންވެސް އެ މަސައްކަތް ކުރީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސްކައުޓް ކޮށްގެން ކުޅުންތެރިން ހޯދައިގެން. މިފަހަރުވެސް ޓީމާ ހަވާލުވެ، ރަށްރަށުގައި ތިބި ރައްޓެހިންނަށް ގުޅާ، އެ ރަށްރަށުގެ މުބާރާތްތައް ވެސް ބަލައިގެން އެޓީމުތަކުން އުމުރުފުރާ ކުދިން ބަލައިގެން މި މަސައްކަތް ކުރީ. ލިބުނީ ކުޑަ ދުވަސްކޮޅެއް، ދުވަސްކޮޅާ ބަލާފައި ރަނގަޅު ނަތީޖާ. ފައިނަލަށް ދިޔުމުން އެ ފެންނަނީ އެ ތަފާތު،" ކުރިން އީގަލްސްގެ އެސިސްޓެންޓް ކޯޗު ކަމާއި ކޯޗުކަންވެސް ކުރި ނިމާ ބުންޏެވެ.
މިހާތަނަށް މުބާރާތާ ގުޅޭގޮތުން ނިމާ ބުނީ، ގްރޫޕް ސްޓޭޖު ތެރެއިން އީދު ބަންދު އައުމުން، "މިހާރު ފުޓުބޯޅަ" އޮތް ހާލަތުގައި ކުޅުންތެރިން މާލޭގައި މަޑުކުރުވުން އެއީ ނުވާނެ ކަމެއްކަން ކުރިންވެސް އެނގޭ ކަމަށެވެ. އެ ބްރޭކުގައި ރަށްރަށުގެ އެކިއެކި ފުޓްސަލް މުބާރާތްތަކުގައި ކުޅުންތެރިން ކުޅުނު ކަމަށާއި އެ ބްރޭކަށް ދިޔަ ކުދިންތެރެއިން ބައެއް ކުޅުންތެރިން އަދި އައީ އިއްޔެ ކަމަށްވެސް ނިމާ ބުންޏެވެ.