ޚަބަރު

ކުޑަކުދިން ބާރުވެރި ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ޖެންޑަރ މިނިސްޓަރ

އަލީ އިހްސާން

ކުޑަކުދިން ބާރުވެރި ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ޖެންޑާ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ދެއްވި ހިތާބުގައި ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި ސިޔާސަތުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި، ކުޑަކުދިން ބާރުވެރިބަޔަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުމުންދާކަމުގައެވެ. އެގޮތުން ކުޑަކުދިންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ހިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުދިންގެ އުމުރުފުރައާ ގުޅޭގޮތުން ހޭލުންތެރިކުރެވެމުންދާ ކަމަށް ޖެންޑާ މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސަތޭކަދުވަހުގެ ވައުދުތަކުގެ ތެރޭގައި ދިވެހިރާއްޖޭއަށް އުފަންވާ ކޮންމެ ކުއްޖަކީވެސް ތުއްތު އިރުއްސުރެ އާއިލީ ލޯބިލިބޭނެ ކުދިންކަން ކަށަވަރު ކުރުން ހިމެނޭކަމުގައެވެ. ތަފާތު އެކިއެކި ސަބަބުތަކާ ހެދި ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު އެކުދިންނަށް އާއިލާއެއްގެ ތެރޭގައި ބޮޑުވެމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ފޯސްޓަރ ކުރުމުގައި މުހިއްމު ބަދަލުތަކެއް ގެނެވި ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން ބެލެހެއްޓުމާ ބެހޭ އުސޫލު ގެޒެޓްކުރެވިފައިވާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިއަދު ފާހަގަ ކުރަމުންގެންދާ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "ކުޑަކުދިން ބާރުވެރިކުރުން" މި ޝިއާރެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން ގެންދާއިރު ކުޅިވަރާއި އެކުއެކި ހަރަކާތްތައް މެދުވެރިކޮށް ދުވަހުގެ ޝިއާރު އެކުދިންގެ މެދުގައި އަށަގަންނުވައި ހަގީގީ މާނައިގައިވެސް އެކުދިން ބާރުވެރި ބަޔަކަށް ހަދަންޖެހޭ ކަމުގައެވެ.