ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ސިއްހަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިޠާބުގައި ވިދާޅުވީ ސުޕާރީއާއި އެނަރޖީ ބުއިންތަކާއި ހަކުރު ގިނަ ބުއިންތަކާއި ސިއްހަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ ތުއްތު ކުދިން ދުރުކުރުމަށްޓަކައި، ކޮންމެ މަންމައަކާއި ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކުމެ، ފަރުދީ ޒިންމާ އުފުލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ސިއްހަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ، ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެކެވެ. ހަމައެފަދައިން، ސުޕާރީއާއި، އެނަރޖީ ބުއިންތަކާއި، ހަކުރު ގިނަ ބުއިންތަކާއި، ސިއްހަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ، ތުއްތު ކުދިން ދުރުކުރުމަށްޓަކައި، ކޮންމެ މަންމައަކާއި ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކުމެ، ފަރުދީ ޒިންމާ އުފުލުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ..،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި، ތުއްތުކުދިން ތަރުބިއްޔަތު ކުރެވިގެން ނޫނީ، ފަހުރުވެރި އާއިލާއެއް ބިނާކުރުމަށް މިދެކޭ ހުވަފެން ހަގީގަތަކަށް ނުހެދޭނެ ކަމަށެވެ.
"ބަވަނަވެފައި މިވާ އިންސާނީ މުޖްތަމައުގައި ފެތުރެމުންދާ، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިކުރުތަކުން ދަރީން ދުރުހެލިކޮށް، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ ވިސްނުން އަށަގެންނުވޭނީ، އެގޮތުގައި ދަރިން ތަރުބިއްޔަތު ކޮށްގެންނެވެ. ދަރީންގެ އިހުތިރާމާއި އެހީތެރިކަން، މައިންބަފައިންނަށް ލިބެނީ، ލޯތްބާއި އޯގާތެރިކަމުގެ އުނގެއްގައި އެކުދިން ތަރުބިއްޔަތު ކުރެވިގެންނެވެ..،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ހިޠާބުގައި ވިދާޅުވީ މުޖުތަމައުގެ ރީތި ސިފަތަކާއި އާދަތަކުން ޒީނަތްތެރިވުމަށްޓަކައި، އެކުދީން ހެދިބޮޑުވެ ތަރުބިއްޔަތުވަމުން އަންނަ އާއިލާއަކީ ލޯތްބާއި އޯގާތެރިކަމާއެކު އެކަކު އަނެކަކާ މުއާމަލާތުކުރާ މާހައުލަކަށް ވާންޖެހޭ ކަމަށެވެ.