ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ކުރިން ބޭނުންކުރި އިމާރާތުގައި އަލުން ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޝަފީއު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ ވެރިރަށް މާލޭގައި ކަމަށާއި މި އަހަރު ގްރޭޑް 10 ގައި 1،700 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. މާލޭގައި އޭ ލެވެލްއަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި އަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީއެޗްއެސްސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެ ވާހަކަ ދަންނަވަމެވެ." ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެ އިން، ހުޅުމާލެއަށް ދަތުރުކުރާ އޭ ލެވެލް ދަރިވަރުންގެ އަދަދު މަދުވެ، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭ ލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހަރަދުވެސް ކުޑަވެގެންދާނެ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި އޭ ލެވެލް ކިޔަވައިދިނުމަށް މުޅިން އާ އިމާރާތެއް މާލޭގައި ހަދާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލޭގައި އޭ ލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި މިހާރު ގާއިމުކޮށްފައިވާ ސީއެޗްއެސްސީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ސީއެޗްއެސްއީ މިހާތަނަށް ހިންގަމުން އައީ އަމީނިއްޔާ ސްކޫލުގެ ބިއްދޮށުގައި ހުންނަ އިމާރާތުގައެވެ. އެކަމަކު އެ އިމާރާތް ބޭނުންކުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސީއެޗްއެސްއީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަކަށް ބަދަލުކޮށްފައެވެ.