އެންމެ އިސްކަންދީގެން ކުރަން ބޭނުންވާ އެއްކަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް ފާސްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިޠާބުގައި ވިދާޅުވީ ދިވެހި ކުޑަކުދީންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންތައް އެބަހުރި ކަމަށެވެ.
"ދިވެހި ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކީވެސް، އެންމެ ޅަފަތުން ފެށިގެން އާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަގުސަދެކެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ކުޑަކުދިންގެ ހާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ހާލަތު ނިސްބަތުން ރަނގަޅު ކަމުގައިވިޔަސް، ދިވެހި ކުޑަކުދީންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންތައް އެބަހުއްޓެވެ..،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ހިޠާބުގައި ވިދާޅުވީ ފުރާވަރު އުމުރަށް އަޅައިގެން އަންނަ އިރު، ކޮންމެ ކުއްޖަކީވެސް ޒިންމާދާރު އަދި ފަރުދީ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެފައިވާ ކުއްޖަކަށް ހެދޭނީ، މައިންބަފައިންނާއި ބެލެނިވެރިންވެސް، އެކުދިންގެ އެންމެ ޅަފަތުން ފެށިގެން އެކުދިންނަށް ރަނގަޅު މަގު ދައްކައިދީގެން ކަމަށެވެ.
"އުމުރުފުރާތަކާ އެކަށީގެންވާ ގޮތުން، އެކުދިންނަށް ދެވޭ ކޮންމެ މިނިވަންކަމަކާއެކު، އެކުދިންގެ ކޮނޑުގައި ޒިންމާތަކެއްވެސް އެޅިގެންދާކަން، އަބަދާއިއަބަދު ހަނދާންކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ..،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުދިންނަށް ދެވޭ މިނިވަންކަމުގެ ބޭނުން ހިފަނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ކަށަވަރުކުރުމަކީވެސް ބެލެނިވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.