ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރުގޮފި މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު ކުޅުދުށްފުށީގައި ބޭއްވި ހަފްލާފައި މި ގޮފި ހުޅުވިގެންދިޔައީ ހައިކޯޓުގެ ފަނޑިޔާރު އަދި ޝަރީޢަތް ފެށުމަށްޓަކައި ވަޑައިގެންނެވި ވަފުދުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ދިދަ ނަންނަވައި ދެެއްވުމާ އެކުއެވެ.
ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތް ފެއްޓެވުމަށްޓަކައި ވަޑައިގެންނެވި ވަފުދުގެ ތިން ފަނޑިޔާރުންނަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި އަލްއުސްތާޛު ޢަލީ ސަމީރެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ކައުންސިލް އިދާރާގެ ރައީސުގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ޕޮލިސް، ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓު އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ކުޅުދުއްފުށީ ގޮފީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ވިދާޅުވެފައިވަނީ ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީއަތް ހިންގަން ފެށުމުން، މިސަރަހައްދުގެ ކޯޓުތަކުން ނިންމަވާ މައްސަލަތައް އިސްތިއުނާފް ކުރުމަށް ރައްޔިތުންނަށް ވަރަށްބޮޑަށް ފަސޭހަވެގެން ދާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އުތުރު ގޮފީގައި ޝަރީއަތް ފެށިގެން މިދަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުންގެ އަގުހުރި މަސައްކަތުންކަން ފާހަގަ ކުރައްވައި އެ ދެބޭފުޅުންނަށް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
ހައިކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި ހައިކޯޓުގެ އުތުރު ގޮފީގެ ފުރަތަމަ ޝަރީއަތް މިއަދު ހެނދުނު ނުވައެއް ޖެހި އިރުން ފެށިގެން ކުރިއަށްދާނެ އެވެ. އަދި ތަފާތު ހަތް މައްސަލައެއްގެ އަޑުއެހުން މިއަދު އޮންނާއެވެ. ވަފުދުގެ މަސައްކަތް މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފަވިފައިވާ ކަމަށް ވެސް އެ ކޯޓުގެ ބަޔާނުގައިވެ އެވެ.
ކުޅުދުށްފުށީގައި ގާއިމު ކުރި ހައިކޯޓުގެ އުތުރު ގޮފިން ބަލާނީ ހއ، ހދ، ށ، ނ، ރ، އަދި ބ، މި އަތޮޅުތަކުގެ ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތަކެވެ. އަދި މީގެ އިތުރުން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތައް ވެސް ބަލަމުންގެންދާނެ ކަމަށް ހައިކޯޓުން މައުލޫމާތު ދެއެވެ. މި ގޮތްޕަށް މައްސަލަ ހުށަހެޅުމާއި މައްސަލަ ބަލައިގަތުމުގެ އިންތިޒާމު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން ގާއިމު ކޮށްފައިވާ ކަމަށް ވެސް އެކޯޓުގެ ބަޔާނުގައިވެ އެވެ.
ޝަރީޢަތްތައް ހައިކޯޓުގެ އުތުރު ގޮފީގައި ފެށިގެން މިދިޔައީ، ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިއްބެވުމުގެ ބަދަލުގައި، ގޮފިތަކަށް ވަފުދު ފޮނުއްވައިގެން ޝަރީޢަތް ހިންގެވުމަށް، މި އަހަރު ފެބުރުއަރީ މަހު ސުޕްރީމް ކޯޓުން ކަނޑައެޅުއްވުމާ ގުޅިގެންނެވެ.