ހައްޖު ރޯގާ ބާރަށް ފެތުރެމުންދާތީ، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފިއެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ހައްޖު ކްލިނިކަށް ދާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުން އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށް ބުންޏެވެ.
ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި ގިނަ އަދަދެއްގެ ހައްޖާޖީންނަށް ހުމާއި ރޯގާގެ ވައްތަރުތައްޖެހެ އެވެ. އެހެންވެ ކޮންމެ އަހަރަކުވެސް އައިޖީއެމްއެޗުގައި ހައްޖާޖީނަށް ހާއްސަ ކޮށްގެން ކްލިނިކެއް ހުޅުވައެވެ.