ޚަބަރު

މާލީ ބަޔާނުގެ މައްސަލައިގައި ޒަމީލްއާއި މަހްރާން ޖޫރިމަނާ ކުރި ނިންމުން ބާތިލުކުރުމުން ދައުވާ ނަގައިފި

އިބްރާހިމް ޒަކީ

މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ކެނޑިޑޭޓެއްގެ ހައިސިއްޔަތުން، އިންތިހާބާބެހޭ އާންމު ގާނޫނުގެ ދަށުން ހުށަހެޅި މާލީ ބަޔާނަކީ ގާނޫނާ އެއްގޮތް ބަޔާނަކަށް ނުވާތީ އޭނާ ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލުކުރުމުން އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާ އަނބުރާ ގެންގޮސްފިއެވެ.

މާލީ ބަޔާނުގެ މައްސަލައިގައި އީސީން ޒަމީލު ޖޫރިމަނާ ކުރީ 20،000 އިންނެވެ. މި މައްސަލައިގައި ޒަމީލްގެ އިތުރުން އޭނާގެ ކެމްޕެއިން މެނޭޖަރު އަދި އޭނާގެ އަމިއްލަ ދަރިފުޅު އަހުމަދު މަހްރާން ޒަމީލް 6،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށްވެސް ނިންމިއެވެ.

އެ މައްސަލައާ ގުޅިގެން، އީސީން އެގޮތަށް ނިންމުމުގައި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނާ ފަދައިން، ކުރި ކުށުގެ ކުޑަބޮޑުމިނަށް ބެލި ގޮތް މުރާޖައާ ކުރުމަށާއި ކޮށްފައިވާ ޖޫރިމަނާގެ މިންވަރު މުރާޖައާ ކުރުމަށް އީސީއަށް އަންގަވައި ދެއްވުމަށް އެދި ޒަމީލްއާއި މަހްރާންގެ ފަރާތުން އީސީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ.

ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނުނެރުނެވެ. އެހެންކަމުން މި މައްސަލައަކީ އެކަމާ ގުޅިގެން ޒަމީލްއާއި މަހްރާންގެ ފަރާތުން ހުށަހެޅި ޖުޑިޝަލް ރިވިއުގެ މައްސަލައެކެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ދެ މީހުން ޖޫރިމަނާ ކުރުމަށް އީސީން ނިންމި ނިންމުން ބާތިލުކުރުމަށް ނިންމާފައިވާކަން އެ ކޮމިޝަނުން މި މަހު 23ގައި ފޮނުވި ސިޓީން އަންގާފައިވާތީ އެ ދައުވާ ހުށަހެޅި ފަރާތުން ދައުވާ ގެންދަން ކޯޓުގައި އެދިފައިވާ ކަމަށެވެ.

އެހެންކަމުން ދައުވާ ކުރާ ފަރާތުން ހުށަހަޅާފައިވާ ގޮތުގެމަތިން މި ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމުގައިވެއެވެ.