ޚަބަރު

"އޮޅުވެލި ރިސޯޓުގައި ހަޅުތާލު ކުރި ބިދޭސީންނަކީ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ މުވައްޒަފުން"

އަލީ އިހްސާން

ކ. އޮޅުވެލި ރިސޯޓުގައި ހަޅުތާލު ކުރި ބިދޭސީންނަކީ އެ ރިސޯޓު ހިންގާ އެމަރަލްޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އޮޅުވެލި ރިސޯޓު ހިންގާ އެމަރަލްޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރަމުންގެންދިޔަ ކޮންޓްރެކްޓަރެއްގެ ބައެއް މުވައްޒަފުން މުސާރަ ލަސްވާ މައްސަލައިގައި މުޒާހަރާކޮށް، ރިސޯޓުގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި މިރޭ ދިމާވި މައްސަލަ ހައްލުކުރުމަށް، މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް މިކުންފުނިން ކުރި މަސައްކަތުން މިހާރު މައްސަލަ ކުރެވިފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ މުވައްޒަފުންނަށް ނުދެވި ހުރި މުސާރަ، މިފެށޭ ހަފުތާގެ ހޯމަ ދުވަހު ދީ ހަލާސްކުރާނެ ކަމަށް ކޮންޓްރެކްޓަރު ވަނީ އެކުންފުންޏަށް އަންގާފައި ކަމަށާއި ހަޅުތާލު ކުރި މުވައްޒަފުންވެސް އެކަން ގަބޫލުކޮށް ހަޅުތާލު ހުއްޓާލާފައިވާ ކަމަށެވެ.

"މިއީ، މިކުންފުންޏާއެކު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން، ރިސޯޓަށް އަލަށް އިތުރުކުރެވުނު ބައިގައި މަސައްކަތް ކުރަމުންގެންދާ ކޮންޓްރެކްޓަރެއްގެ މުވައްޒަފުންނެވެ. މިރޭ 18:45 ހާއިރު ފެށި މި ހަޅުތާލުގައި 50 އެއްހާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ބައިވެރިވެފައިވާނެ ކަމަށް ލަފާކުރެވެއެވެ. މިއިން އެއްވެސް މީހަކީ މި ކުންފުނީގެ ޕޭރޯލްގައި ހިމެނޭ، ނުވަތަ މި ކުންފުނިން އެއްވެސް މަސައްކަތަކަށް ކޮންޓްރެކްޓް އުސޫލުން ވިޔަސް ނަގާފައިވާ މީހެއް ނޫނެވެ. މުސާރަ ނުލިބި ލަސްވެގެން ކަމަށް ބުނެ ހަޅުތާލުކުރި ހުރިހާ މަސައްކަތްތެރީންނަކީވެސް މި ކުންފުނިން މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ މުވައްޒަފުންނެވެ..،" އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، ހަޅުތާލު ކުރި ބިދޭސީ މަސައްކަތްތެރީން ވަނީ ދަގަނޑުބުރިތަކާއި ލަކުޑިބުރި ފަދަ ތަކެތި ބޭނުންކޮށް، މަސައްކަތް ހިނގަމުންދިޔަ ސައިޓް އޮފީހުގައި ތިބި ދިވެހިންނަށް ބިރުދައްކައި، ބައެއް ދިވެހީންނަށް ހަމަލާދީފައި ކަމަށާއި ހަޅުތާލު ނުހުއްޓައި ގެސްޓް އޭރިއަށް އަރާނެކަމުގެ އިންޒާރުދޭން ފެށުމުން އެ ކުންފުނިން ރިސޯޓުގައި ތިބި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

ހަޅުތާލު ކުރި މަސައްކަތްތެރީން ތިބީ ރިސޯޓާ ޖެހިގެން ހަދަމުން އަންނަ ރަށެއްގައި ކަމަށްވުމުން، މި ހާދިސާގައި އެއްވެސް ފަތުރުވެރިއަކަށް އުނދަގުލެއް ނުވަތަ ތުރާލެއް ކުރިމަތިވެފައެއް ނުވާ ކަމަށް އޮޅުވެލި ރިސޯޓު ހިންގާ އެމަރަލްޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.