ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ގޮވާމުގެ ތެރޭގައި ހިމެނޭ ކުދިބަތަކީ މީގެ އެތައް އަހަރެއްގެ ކުރިން ވެސް ދިވެހިން އާންމުކޮށް ކައި އުޅުނު ބާވަތެކެވެ. ކުދިބަތުގައި ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރުކުރެއެވެ. އެގޮތުން ކުދިބަތު ބޮނޑިބަތް މިއީ ވަރަށް މީރު ކެއުމެކެވެ.
2 ޖޯޑު ކުދިބަތް (ސާފުކޮށްފައި)
1/2 ޖޯޑު ހަކުރު
1/2 ޖޯޑު މާފެން
1/2 ޖޯޑު ކާށި ކިރު
1/2 ޖޯޑު ފެން
އެންމެ ފުރަތަމަ ކުދިބަތްކޮޅު ހަނޑު ދޮންނަހެން ދޮވެ ސާފުކޮށްލުމަށްފަހު ތެއްޔަށް ބައި ޖޯޑު ފެނާއި ހަކުރު އަޅައިގެން ކައްކާށެވެ. ކުދިބަތަކީ ވަރަށް އަވަހަށް މަޑުވާ އެއްޗެކެވެ. ކުދިބަތު ބޮނޑިބަތް ކައްކާނީ ހަނޑުލު ބޮނޑިބަތް ކައްކާ ގޮތަށެވެ. މަޑުވުމުން ފޮނިރަހަ ހެޔޮވަރުކޮށްފައި ކާށި ކިރާއި މާފެން ފޮދު އަޅައިލުމަށްފަހު 3 މިނެޓް ވަންދެން މަޑުގިނީގައި ކައްކާލާށެވެ.