ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ދަށުން، ތ. ވިލިފުއްޓާއި ގދ. ތިނަދުއަށް އާ އިންޖީނުތަކެއް ފޮނުވައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ކަރަންޓު ކެނޑޭ މައްސަލަ ހައްލުކޮށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ވިލިފުއްޓަށް 400 ކިލޯ ވޯޓުގެ އިންޖީނަކާއި ތިނަދުއަށް އެއް މެގަ ވޯޓުގެ އިންޖީނެއް ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން ހދ. މަކުނުދޫގެ ކަރަންޓުގެ ހިދުމަތަށް ދިމާވާ މައްސަލަ ހައްލުކުރުމަށްޓަކައި އެރަށަށް ގެންދާ 600 ކިލޯ ވޯޓުގެ ޖެންސެޓް ހޮނިހިރު ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ރަށަށް ބޭލޭވަރު ވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކަރަންޓުގެ ހިދުމަތް ހަރުދަނާކުރުމަށް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.