އެސެޓުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ބޭންކުތަކުގެ ތެރޭގައި ހިމެނޭ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ ވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލު ކުރައްވައިފިއެވެ.
ޗައިނާގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމުގައި ބައިވެރިވެ ވަޑައިގަތުމަށް ސައީދު ޗައިނާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުގެ ތެރެއިން އައިސީބީސީގެ ވެރިންނާ ބައްދަލު ކުރެއްވުމަށްފަހު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި އިތުރަށް އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން އެ ބޭންކާ މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި މި ބައްދަލުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމަނާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންގްޕިންގްއާ ބައްދަލުކުރައްވައި ދެ ބޭފުޅުން ކުރެއްވި މަޝްވަރާގެ ބައެއް ކަމަށްވެސް ވިދާޅުވިއެވެ.
ޗައިނާ ސަރުކާރު މެޖޯރިޓީ ހިއްސާ އޮންނަ އައިސީބީސީއަކީ ޗައިނާގެ އެންމެ ބޮޑު ބޭންކެވެ. އެ ބޭންކުން ވަނީ 2012 ވަނަ އަހަރުން ފެށިގެން އެސެޓުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ބޭންކުގެ މަގާމު ހިފަހައްޓަމުންނެވެ. އަދި އެ ބޭންކަކީ ދުނިޔޭގެ އެންމެ ބޮޑަށް ފައިދާވަމުން އަންނަ ކުންފުނިތަކުގެ ލިސްޓުގެ ހަތަރުވަނައި ހިމެނޭ ކުންފުންޏެވެ.