މީޑިއާގެ ދާއިރާގައި ހުރި ކަންކަން ހައްލުކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން، މޯލްޑިވްސް މީޑިއާ ކައުންސިލާއެކު މަޝްވަރާކޮށްފިއެވެ.
ހޯމް މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ އެ ކައުންސިލް ހިންގުމާއި މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރި ގޮންޖެހުންތައް ހުށަހަޅާ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މީޑިއާ ކައުންސިލްގެ އެދިލެއްވުމަކަށް ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުން ހުށަހެޅި މައިގަނޑު ކަންބޮޑުވުންތަކަކީ ބަޖެޓް ލިބުމުގައި ހުރި ދަތިކަމާއި، މެންޑޭޓް ތަންފީޒުކުރުމުގައި ހުރި ގާނޫނީ ހުރަސްތަކެވެ. މީގެ އިތުރުން މީޑިއާގެ ދަފްތަރާއި ނޫސްވެރިންގެ ދަފްތަރު އެކުލަވާލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން މީޑިއާތައް ރަޖިސްޓްރީ ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މިނިސްޓްރީގެ ފަރާތުން ބައްދަލުވުން ޗެއަރކުރެއްވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވީ އެކަންކަން އަވަހަށް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މީޑިއާ ކައުންސިލާ ގުޅިގެން މީޑިއާގެ ދާއިރާގެ ކުރިއެރުވުމަށް މަސައްކަތްކުރައްވަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވި ކައުންސިލްގެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތާއި މީޑިއާ ދާއިރާ ކުރިއެރުވުމަށް ކައުންސިލާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ސްޓޭޓް މިނިސްޓަރ ދެއްވިއެެވެ. ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ ދިވެހި މީޑިއާ ހަރުދަނާކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ދެފަރާތުން ގުޅިގެން ކުރެވެން ހުރި ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲގެ އިތުރުން އެ ކައުންސިލްގެ ބައެއް މެމްބަރުންނާއި އިދާރީ ބޭފުޅުން ބައިވެރިވެލެއްވިއެވެ. މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަލީ ނަޒީރުގެ އިތުރުން ޑިރެކްޓަރ، ކޮމިއުނިކޭޝަން ހަފްސީ އަބްދުﷲ އާއި ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ނިޝާނާ ހަސަން ބައްދަލުވުމުގައި ބައިވެރިވިއެވެ.