ޚަބަރު

ޖީއެސްޓީ، އިމްޕޯޓް ޑިއުޓީ، ޓެލެކޮމް ފީތައް އަދި ގްރީން ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމައިފި

މުހައްމަދު އިޝާން

އިމްޕޯޓް ޑިއުޓީ، ގްރީން ޓެކްސް އަދި ޖީއެސްޓީ ބޮޑުކުރަން ނިންމައިފައިވާކަން ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ ރިޕޯޓުގައިވާ ގޮތުން މިއަހަރު ނިމުމުގެ ކުރިން ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެއާޕޯޓް ބޭނުން ކުރާ މީހުންގެ އަތުން ނަގާ ފީ އާއި ޓެކްސްތައް ބޮޑުކުރާނެއެވެ. ނަމަވެސް ބޮޑު ކުރަން ނިންމާފައިވަނީ ކިހާ ރޭޓެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން މިހާރު އިމްޕޯޓް ޑިއުޓީ ނުނަގާ ބައެއް ތަކެތިން އިމްޕޯޓް ޑިއުޓީ ނަގަން ފަށާނެ ކަމަށް ރިޕޯޓުގައި، ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އާމްދަނީ އިތުރު ކުރުމުގެ މިއަންނަ އަހަރުގެ ތެރޭގައި ގިނަ ޓެކްސްތަކަކާއި ފީތަށް ބޮޑުކުރަން ވެސް ނިންމައިފައިވެއެވެ.

މިއަންނަ އަހަރު ބޮޑުކުރަން ނިންމައިފައިވާ ފީތަކާއި ޓެކްސްތައް:

  • ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން
  • އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން
  • ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން
  • ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ބޮޑުކުރުން
  • ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން

އޭގެ ތެރެއިން ގިނަ ފިޔަވަޅުތަކެއް މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަޅައި ތަންފީޒުކުރަން ފަށާނެއެވެ.

އާމްދަނީ އިތުރުކުރުމަށް 2026، 2027 އަދި 2028 ވަނަ އަހަރު އަޅަން ނިންމައިފައިވާ ފިޔަވަޅުތައް:

  • ކާބަން ކްރިޑިޓް ބޭރުގެ މާކެޓްތަކުގައި ވިއްކައިންގެން އާމްދަނީ ހޯދުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ އިދާރީ ބުރަ ކުޑަކުރުން
  • އިންކަމް ޓެކްސް ނަގާ އާމްދަނީ ދަށްކުރުން
  • ބްރިޖް ފަދަ ތަންތަނުން ފީ ނެގޭނެ ސިޔާސަތެއް އެކުލަވާލުން
  • ޕްރޮޕަޓީ ޓެކްސް ނިޒާމެއް ތައާރަފްކުރުން

އެ ފިޔަވަޅުތަކަކީ ދައުލަތުގެ ހަރަދުތަައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާވުން ކުޑަކުރުމުގެ މަގްސަދުގައި އަޅާ ފިޔަވަޅުތަކެއް ކަމަށް ރިޕޯޓުގައި ފިނޭންސުން ބުންޏެވެ.

މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 35.5 ޕަސަންޓަށް އިތުރުކުރެވޭނެ ކަމަށާއި މިހާރު ޓެކްސް އާމްދަނީއަކީ ޖީޑީޕީގެ ނިސްބަތުން 32.5 ޕަސަންޓް ކަމަށެވެ.