އިބްރާހިމް ޒަކީ
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ހިންގާނެ އިމާރާތެއް އަޅަން ބޭނުންވާ ބިން ނުލިބިގެން ވޯލްޑް ބޭންކުން އެކަމަށް ދިން ފައިސާ ބޭނުން ނުކުރެވި އެ އޮތޯރިޓީއަށް ގެއްލިފައިވާ ކަމަށް ބުނެފިއެވެ.
އެންޑީއެމްއޭގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަަރު (ސީއީއޯ) ހިސާން ހުސެއިން ވިދާޅުވީ، އެންޑީއެމްއޭ އުފެދުނީއްސުރެ އެ އޮތޯރިތީއަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ ތަން ހިންގާނެ ދާއިމީ އިމާރާތެއް ނުވަތަ ބިމެއް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ހަމަ، ފަހަރަކު ތަނަކުން ވަދެގެން ނުކުމެގެން އެކަހަލަ ގޮތަކަށް، ވަރަށް ދަތި ގޮތަކަށް، އެހެންވީމަ 20 އަހަރު ވީއިރުވެސް ދާއިމީ އިމާރާތެއް ނުވަތަ ނެޝަނަލް އެމެޖެންސީ ސެންޓަރެއް ގާއިމުކުރާނެ ތަނެއް ލިބިފައެއް ނެތް،" ހިސާން ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ފަރާތުން ކަނޑަަޅާ ބިމެއްގައި ނެޝަނަލް އެމެޖެންސީ ސެންޓަރަކާއެކު ޑީޒާސްޓާ މެނޭޖުމެންޓް ސެޓަޕެއް ގާއިމުކުރަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވޯލްޑް ބޭންކާއެކު އެއް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމައި އެކަމަށް ފައިސާ ވެސް ހަަމަޖެހުނު ކަމަށެވެ. ނަަމަވެސް ވޭތުވެދި ދެ ދައުރުގައިވެސް އެ މަސައްކަތް ކުރާނެ ބިމެއް ސަރުކާރުން ނުލިބުނު ކަމަށްވެސް ވިދާޅުވިއެވެ.
ހިސާން ހުސެއިން ވިދާޅުވީ މިހާރު އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައުމުންވެސް އެންމެ އިސް ކަމެއްގެ ގޮތުގައި ބިމެއް ހަމަޖައްސައި ދިނުމަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެއީ މި މަހާ ހަމައަށް އެ ފައިސާ ބޭނުން ކުރުމުގެ ގެރެންޓީ ވޯލްޑް ބޭންކުން މީގެ ކުރިން ދީފައި އޮތުމުން ކަމަށާއި ނަމަވެސް މިހާތަނަށް އައިއިރު މި ސަރުކާރުންވެސް އަދި ބިމެއް ހަމަޖައްސައިދީފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް ދިމާވި ދަތިތަކާ ގުޅިގެން މިހާރު ސަރުކާރުގެ ފައިނޭޝަލް ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިތަކާ ހެދި އެމެޖެންސީ އެކްޓިވޭޝަނެއް ގެނައުމުގެ ސަބަބުން މިހާރު ވޯލްޑް ބޭންކުގެ ހުރިހާ ކޭޝްފްލޯއެއް ވަނީ ފިނޭންސް މިނިސްޓްރީއާ ރީ ރޫޓު ކުރެވިފައި. އެެހެންވީމައި އަޅުގަނޑުމެންނަށް މިހާރު މިވަނީ މި ފައިސާ ގެއްލިފައި. ގެއްލުނު އިރުވެސް އަޅުގަނޑުމެންނަށް ބިމާބެހޭ ގޮތުން ވަކި ގޮތެއް ހަމަނުޖެހި އޮތީ،" ހިސާން ހުސެއިން ވިދާޅުވިއެވެ.
އެފަދަ ދާއިމީ އިމާރާތެއް ހުރުން މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހަރަކާތްތެރިވާއިރު އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއް ވަގުތުން ވަގުތަށް ޖެހެނީ ގަންނަން ކަމަށެވެ. ނަމަވެސް އެފަދަ އިމާރާތެއް ހުންނަނަމަ ތަކެތި ކުރިއަށްލައި ސްޓޮކް ކުރުމުން ހަރަދު ކުޑަވާނެ ކަމަށް ވިދާޅުވިއެވެ.
ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީއަކީ 2004 ވަނަ އަހަރުގެ ދުނިޔެއަށް ކުރިމަތިވި ގެއްލުން ބޮޑު ސުނާމީ ކާރިސާއާ ގުޅިގެން އެފަދަ ކާރިސާތަކާއި ހާދިސާތަކުގައި ހަރަކާތްތެރިވުމަށްތަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުގެ ގަރާރަކުން އުފެއްދެވި އިދާރާއެކެވެ.