އެމްޓީސީސީ ބަހަކާއި ކާރަކާއި ސައިކަލެއް ޖެހި މިއަދު އެކްސިޑެންޓުވި ސަބަބެއް ކަމަށް ބެލެވެނީ ބަސް ޑްރައިވަރަށް ނިދި ޖެހިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލޭ ނިރޮޅު މަގު ވަޅޯމަސް ކެފޭ ކައިރިން އެމްޓީސީސީ ބަހަކާއި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓު ހިނގާފައިވަނީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި މިއަދު ހިނގި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. އެ އެކްސިޑެންޓާ ގުޅިގެން ކާރުގެ ފަހަތުކޮޅު ބަނޑިވެ، ބަހުގެ ހެޑްލައިޓާ ދިމާއިން ބައެއް ނެއްޓިގެން ގޮސް، ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން ފުރަތަމަ ބުނެފައިވަނީ އެ އެކްސިޑެންޓުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ ޕޮލިސް މީޑިއާ އިން އެކި ޑިޕާޓްމަންޓުތަކަށް ގުޅައި ސުވާލު ކުރުމުން ވެސް ބުނެފައިވަނީ އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައި ނުވާ ކަމަށާއި ނަމަވެސް އިރުއޮއްސެން ގާތްވެފައި ވަނިކޮށް އެ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް މިހާރު ބުނާ ކަމަށެވެ.
މިމަހުގެ ހަވަނަ ދުވަހުގެ ހެނދުނު ހިނގި އެކްސިޑެންޓެއްގައި ބަހެއްގެ ދަށުވެގެން ޔޫކްރޭނުގެ މީހެއް މަރުވެފައިވާ އިރު، ހުޅުމާލޭގައި ހިނގި އެ އެކްސިޑެންޓު ހިނގަން މެދުވެރިވިކަމަށް ބެލެވެނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.